ގއ. ވިލިނގިލީގައި އިއްޔެ ހިނގި ހިތާމަވެރި ހާދިސާއެއްގައި މާބަނޑު އަންހެނަކާއި އޭނާގެ ދަރިފުޅު ނިޔާވުމާ ގުޅިގެން، އެ މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ޖިނާއީ ތަޙުޤީޤެއް ފަށައިފިއެވެ.
ދާޚިލީ ވަޒީރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ޖިނާއީ ތަޙުޤީޤެއް ހިންގުމަށާއި، އިހުމާލުވެފައިވާ ފަރާތެއް ވާނަމަ އެ ފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުން ދިވެހި ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައި ގއ. ވިލިނގިލީގައެވެ. މާބަނޑު އަންހެނަކަށް ސިޒޭރިއަން ހެދިތާ ގިނަ އިރުތަކެއް ނުވެ އޭނާ ނިޔާވެފައިވާ އިރު، އޭނާގެ ދަރިފުޅު ވެސް ވަނީ ނިޔާވެފައެވެ.
މި ހާދިސާއާ ގުޅިގެން ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު އަންނަނީ ކުރެވެމުންނެވެ. އަދި އެ ހޮސްޕިޓަލުން އެކަށީގެންވާ ފުރިހަމަ ފަރުވާ ލިބެން ނުހުންނަ ކަމުގެ ކަންބޮޑުވުން ރައްޔިތުން ވަނީ ފާޅުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!