އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އިމަޖެންސީ ރޫމްގައި ފަރުވާދެމުން ދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހަކު ނިޔާވި މައްސަލައެއް ހުށަހެޅިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 6 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ރޭ 23:30 އެހާކަށްހާއިރުއެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ތަނަކުން ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެން ނޫންކަން ފާހަގަކުރެވޭކަމަށް ފުލުހުން ބުނެފައިވާއިރު، ފުލުހުން ބެލި ބެލުމުން، އެމީހާގެ ހަށިގަނޑުގައި ފަރުވާ ދިނުމުގެ ތެނުމުގެ ތެރޭގައި ހުރި ނިޝާނެއް ފިޔަވައި ހަށިގަނޑަށް ގެއްލުމެއް ލިބިފައި ހުރި ކަމުގެ ނިޝާނެއް ފެންނަން ނެތްކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އެމީހާގެ އާއިލާގެ ފަރާތުން ވެސް މިހާތަނަށް، ތުހުމަތު ތަކެއްކޮށް އެފަދަ ޝަކުވާއެއް ފުލުހުންނާ ހިއްސާ ކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދީފަވެއެވެ.
ހޮސްޕިޓަލުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، އެ މީހާއަށް ފަރުވާދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިޔަކަށް ތެދުވެގެން ދުއްވައިގަނެގެން ދަނިކޮށް ވެއްޓުނު ކަމަށް ބުނެފައިވެއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅޭ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑުން ފުލުހުން ސާމްޕަލް ނަގާފައިވަނީ މިފަދަ މައްސަލަތައް ހުށަހެޅުމުން އާންމުކޮށް ޢަމަލުކުރާ އުސޫލުން ކަމަށް ވެސް ބުނެފަވެއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ވެސް އައިޖީއެމްއެޗުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!