ޑީޕްސީކްގެ ސޯސް ކޯޑުން އެމެރިކާއިން މަނާކޮށްފައިވާ ޗައިނާގެ ކުންފުންޏަކަށް މަޢުލޫމާތު ފޮނުވާކަން ހާމަވެއްޖެއެވެ.
ސެކިއުރިޓީ ދިރާސާކުރާ ފަރާތްތަކުން ތުހުމަތު ކޮށްފައިވާގޮތުގައި ޑީޕްސީކްގެ ވެބްސައިޓުގައި ހުރި ކޮމްޕިއުޓަރ ކޯޑަކުން، ޔޫޒަރުންގެ ޒާތީ މައުލޫމާތު ފޯރުކޮށްދެމުންދަނީ އެމެރިކާއިން ހިންގުން މަނާކޮށްފައިވާ ޗައިނާގެ ސަރުކާރުގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއް ކަމުގައިވާ ޗައިނާ މޮބައިލްއަށެވެ.
ޑީޕްސީކްގެ ޗެޓްބޮޓަކީ މިހާރު އެމެރިކާގައި އެންމެ ގިނައިން ޑައުންލޯޑުކުރާ އެޕްލިކޭޝަންކަން ފާހަގަކުރެވެއެވެ. މި ޗެޓްބޮޓްގެ ވެބް ލޮގިން ޕޭޖުގައި ހުރި ކޯޑު، ޗައިނާ މޮބައިލްގެ އިންފްރާސްޓްރަކްޗަރއާ ގުޅިފައިވާކަމާއި، މިއީ އެކައުންޓް ހެދުމާއި ލޮގިންވުމުގެ ޕްރޮސެސްގެ ބައެއްކަމަށް ބެލެވެއެވެ.
މި ހޯދުން ހޯދާފައިވަނީ ކެނެޑާގެ ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމުގައިވާ ފެރޫޓް ސެކިއުރިޓީންނެވެ. އަދި މި ހޯދުންތައް އެސޯސިއޭޓެޑް ޕްރެސްއާ ހިއްސާކޮށްފައިވެއެވެ.
މި ކަމަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް ބޮޑު ނުރައްކަލެއް ކަމުގައި ބެލެވެއެވެ. ޚާއްޞަކޮށް ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތަކުގައި ސެންސިޓިވް މަޢުލޫމާތު ބޭނުންކުރުން އިތުރުވަމުންދާތީއެވެ. މާހިރުން ބުނާ ގޮތުގައި މި ގުޅުމުގެ ސަބަބުން އަމިއްލަ މަޢުލޫމާތާއި ވިޔަފާރީގެ މަޢުލޫމާތު ހާމަވެ، ޗައިނާއަށް އިންޓެލިޖެންސް މަޢުލޫމާތު ލިބުމުގެ ފުރުޞަތު އޮތްކަމަށް ބެލެވެއެވެ.
މި މައްސަލައިގެ ނުރައްކާތެރިކަން ޓިކްޓޮކްއާ ގުޅޭ މައްސަލަތަކަށްވުރެ މާ ބޮޑުކަމަށް ބެލެވެއެވެ. އެއީ އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތަކާ ހިއްސާކުރެވޭ މަޢުލޫމާތުގެ ތެރޭގައި އަމިއްލަ ދިރިއުޅުމާއި ވިޔަފާރިތަކުގެ ވަރަށް ސިއްރު މަޢުލޫމާތު ހިމެނޭތީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!