ފަސޭހަކަމާއިއެކު ޓޮޓެންހަމް ބަލިކޮށް ލިވަޕޫލުން އިނގިރޭސި ލީގް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި 1-0 ގެ ނަތީޖާއިން މޮޅުވީ ޓޮޓެންހަމެވެ. ރޭ ދެވަނަ ލެގުގެ މެޗު ކުޅެފައުވަނީ ލިވަޕޫލްގެ ދަނޑުގައެވެ. ލިވަޕޫލުން ރޭ މެޗު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. ވުމާއިއެކު އެ ޓީމަށް ފައިނަލުން ޖާގަ ލިބިފައިވަނީ 4-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

Ad
rt

ރޭ މެޗުގެ 34 ވަނަ މިނިޓުގައި މުހައްމަދު ސަލާ ދިން ބޯޅަ އަކުން ގަކްޕޯ ވަނީ ލަނޑެއް ޖަހާ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. މި މެޗުގައި ގަކްޕޯ ޖެހި ލަނޑާއެކު އޭނާ ވަނީ ލިވަޕޫލް އަށް އެންމެ ފަހުން ކުޅެދިން ހަތް މެޗުގައި ވެސް ލަނޑު ޖަހާފައެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮތްނަމަވެސް ދެވަނަ ހާފުގައި އެ ޓީމުން ވަނީ ކުޅުން ރަގަޅުކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް އިތުރު ތިން ލަނޑު ޖަހާފައެވެ.

ލިވަޕޫލްގެ ދެވަނަ ލަނޑު 51 ވަނަ މިނިޓުގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ސަލާހްއެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ތިންވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި ސޮބޮޒްލާއީ ކާމިޔާބުކޮށްދިން އިރު އޭގެ ފަސް މިނިޓު ފަހުން ޑިފެންޑަރ ވާޖިލް ވެންޑައިކް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފައެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ މާޗް މަހުގެ 16 ވަނަ ދުވަހު އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. ބައްދަލުކުރާނީ ލިވަޕޫލާއި ނިއުކާސަލްއެވެ. ނުއުކާސަލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީގައި އާސެނަލް ބަލިކޮށްގެންނެވެ.