މިއަހަރަކީ ނަތީޖާ ނެރުމުގެ އަހަރު ކަމަށާއި، ކުރިއަށް އޮތީ އެ މޫސުންކަމަށް ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާން މަޖިލީހަށް އިއްވައިދެއްވަން ފެއްޓުވުމުގެ ގޮތުން ވާހަކަފުޅު ފައްޓަވަމުންނެވެ.
ރައީސް ވާހަކަފުޅު ފައްޓަވާފައި ވަނީ، ރައީސް ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙައްމަދު އަމީންދޮށިމޭނާ ކިލެގެފާނުގެ ހިކުމަތްތެރި ބަސްކޮޅަކުންނެވެ. އެއީ ހިތްވަރާއި އަޒުމާއި އެކު މަސައްކަތުގެ ނަތީޖާއާއި ހަމައަށް ވާސިލްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހިތްވަރުދޭ ބަސްކޮޅެކެވެ.
''އަޅުގަނޑުގެ ލޯބިވާ އަޚުންނާއިއުޚުތުންނޭވެ! ހަނދުމަފުޅުކުރައްވާށެވެ! ބަނަވެފައިވާ އުދަރެހަކުން ރޯޝަނީ ކުލަވަރެއް ދައްކާލެވޭނީ ވެސް ތެދުވެރި އިޚްލާޞްތެރި ޚިދުމަތުންނޭ. ބޯޖަންގައްޔެއްގެ ތެރެއިން ތަނަވަސް މަގެއް ކޮށާލެވޭނީ ވެސް، ހިތްވަރުހުރި ދަރީންގެ މުލައްދަނޑީގެ ބާރުންނޭ. ނަފުސުގެ މައްޗަށް އިތުބާރު ހުރިބަޔަކަށް، މުސްތަޤުބަލް އަބަދު ވެސް ފެންނާންވާނީ ހިތްފަސޭހަ ކުލަތަކަކުން ޒީނަތްތެރިވެފައި ވަނިކޮށޭ'' އާދެ! ޝައްކެއް ނެތް، ހަމަ މިބީދައިން، އަޅުގަނޑުގެ ޢަޒުމަކީ ތެދުވެރިކަމާއި އިޚްލާޞްތެރިކަން އަބަދުވެސް ކުރިޔަށް ނެރުން. ނަފްސުގެ މައްޗަށް އިތުބާރުކޮށް، ހިތްވަރާއި ނުގުޑާފަދަ ޢަޒުމެއްގައި މަސައްކަތްކުރުން.'' މުހައްމަދު އަމީންގެ ބަސްކޮޅު ގެންނަވަމުން ރައީސް ވިދާޅުވެފަވެއެވެ.
އެއަށްފަހު ރައީސް ވާހަކަފުޅު ފައްޓަަވަމުން ވިދާޅުވީ، މިއަހަރަކީ ނަތީޖާ ނެރުމުގެ އަހަރު ކަމަށާއި، ކުރިއަށް އޮތީ އެ މޫސުންކަމަށެވެ. އަދި އެމަނިކުފާނުގެ މަންހަޖަކީ މިދިޔަ އަހަރުގެ މަންހަޖުކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި އިސްލާމީ ރިސާލަތު ދިރުވުމަށް މިދިޔަ އަހަރު ކުރެއްވި މަސައްކަތްޕުޅުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަން ފެއްޓެވި ހިސާބުން އިދިކޮޅު އެމްޑީޕީގެ މެމްބަރުން ތަޅުމުގައި އިހުތިޖާޖު ފެށުމުން އެ މެމްބަރުންގެ ނަން އިއްވުމަށްފަހު މިވަގުތަށް ބަޔާން އިއްވުން ވަނީ މެދުކަނޑާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!