ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ފާސްކުރިއިރު ދަބަހަކުން 1.4 މިލިއަން ރުފިޔާ އޭނާއާއި ހަވާލުކޮށްފިއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެޗްޑީސީ ގޯތި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތުގެ އެ ޕާޓްމަންޓުން ފެނުނު ފައިސާއާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އެ ފައިސާ މިހާރު ވަނީ އަނބުރާ ހަވާލުކޮށްފައި ކަމަށެވެ.
އެއީ ސީދާ ކޮންފަރާތެއް ކަމެއް ފުލުހުން ބުނެފައި ނުވިނަމަވެސް، ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ މައްސަލަތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ތަޙުޤީޤުގެ ދަށުން، މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ކޯޓު އަމުރަކާ ފަޒުލްގެ ގެ ބަލާ ފާސްކޮށް ތަޙުޤީޤުގެ ބޭނުމަށް ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ގޮތަށް، ބައެއް ތަކެތި އެގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން އެއިރު ވަނީ ބުނެފައެވެ. ނަމަވެސް އޭގެ ތެރޭ ފައިސާ ހިމެނޭކަމަކަށް ފުލުހުން ނުބުނެއެވެ.
ފަޒުލް ރަޝީދުގެ ގެ ފުލުހުން ބަލައި ފާސްކުރިއިރު 1.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށާއި، އެ ފައިސާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އިއްޔެ ގިނަ މީޑިއާތަކުން މިދިޔަ ޖެނުއަރީ 5 ވަނަ ދުވަހު ރިޕޯޓު ކުރުމުން އެ ރޭގެ މެންދަމުގެ ވަގުތެއްގައި ރިލެކްސް ފެރީސާވިސް އިން އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ލޯންޗެއް ބަންނަން ފަޒުލް އަށް 1.4 މިލިޔަން ރުފިޔާގެ ނަގުދު ފައިސާ ދިންކަމަށް ވަނީ ބުނެފަވެއެވެ.
މި ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއެކު މުޢާމަލާތްކޮށް ލޯންޗެއް ބަނދެފައިވާ ކަމަށާއި، އެ ލޯންޗުގެ ފެންވަރު ރަނގަޅުކަމުން ދެވަނަ ފަހަރަށް އިތުރު ލޯންޗެއް ބަނުމަށްޓަކައި 2024 ވަނަ އަހަރުގެ ކުރީކޮޅު މަޝްވަރާކޮށް، މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!