ވިލާ ގްރޫޕްގެ ބާނީ ގާސިމް އިބްރާހީމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ފޮތް މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ނެރުމަށް ހަމަޖައްސައިފި އެވެ.

މި ފޮތް ލިޔުއްވާފައިވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ.

Ad
rt

ވިލާ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މި ފޮތް ނެރުމަށް ބާއްވާ ރަސްމިއްޔާތު ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ ހޯމަ ދުވަހުގެ ރޭ ވިލާ ކޮލެޖުގައެވެ. މި ރަސްމިއްޔާތުގައި ގާސިމްގެ ބަޔޯގްރަފީގެ ހާޑްކަވަރު އެޑިޝަނުގެ އިތުރުން، އޯޑިއޯ ބުކް އަދި ހާއްސަ ވެބްސައިޓެއް އިފްތިތާހުކުރަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވިލާ ކޮލެޖުގައި ގާސިމުގެ ހަޔާތުގެ އެކި ދުވަސްވަރުގެ ފޮޓޯތައް ހިމެނޭ މައުރަޒެއް ވެސް އެ ރޭ ހުޅުވަން ވަނީ ހަމަޖެހިފައެވެ. މި މައުރަޒު އާންމުންނަށް ހުޅުވާލާނީ އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން ރޭގަނޑު 10:30 އަށެވެ. މި މައުރަޒަށް ޒިޔާރަތްކުރާ މީހުންނަށް ފޮތުގެ ކޮޕީއެއް ހިލޭ ދިނުމަށް ވަނީ ހަމަޖެހިފައިވާކަމަށް ވިލާ ފައުންޑޭޝަނުން ބުންޏެވެ.

ޤާސިމްގެ ޤައުމީ ޚިދުމަތަށް ބަލާއިރު، ދިވެހި ދައުލަތަލުގެ ޢިއްޒަތް، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ) ދައުލަތުން އަރުވާފައިވާ ޤާސިމަށް ދިވެހި ދައުލަތުން އަރުވާ ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި އަދި އެކި ރޮނގުރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދީފަވެއެވެ. އަދި އޭގެ އިތުރުން ބައިނަލް އަޤްވާމީ ޔުނިވަރސިޓީތަކުންނާއި، ޖަމްޢިއްޔާތަކުންވެސް ޝަރަފްވެރި އިނާމްތައް ދީފަވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ޝަރަފްތަކުގެ ތެރޭގައި މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީއިން އަރުވާފައިވާ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން އަރުވާ އެންމެމަތީ ޝަރަފް ގެ އިތުރުން ހަމަ އެ ޔުނިވަރސިޓީއިން ދީފަައިވާ އޮނަރަރީ ޕީ.އެޗް.ޑީ ފާހަގަކޮށްލެވެއެވެ.

ޤާސިމް އިބްރާހީމް މިހާތަނަށް ފުރުއްވި ދިވެހި ދައުލަތުގެ މަޤާމުތަކުގެ ތެރޭގައި 7 އޮގަސްޓް 2008 ގައި ވުޖޫދަށްއައި ފެހި ޤާނޫނު އަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގެ ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، ދިވެހި ދައުލުގެ ގަވަރުނަރުކަމާއި، ދިވެހި ސަރުކާރުގެ މާލީ ވަޒީރުކަމާއި، ދާޚިލީ ވަޒީރުކަމާއި، އަރިއަތޮޅާއި، މާމިނގިލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރނަރުކަމާއި، ވޯރލްޑްބޭންކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރުކަން ހިމެނެއެވެ. އަދި ސޯޅަ އަހަރަށްވުރެ ގިނަދުވަހު ދިވެހިރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަމާއި، ސާކް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީޒްގެ ނާއިބު ރައީސްކަމާއި އަދި ރައީސްކަމާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީގެ ވައިސް ޕްރެޒިޑެންޓްކަމާއި، ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ހިމެނެއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މަޤާމްގައި ހުންނެވި ބޭފުޅެއްފިޔަވައި އެންމެ ފުރަތަމަ ދިވެހި ރުފިޔާ ނޫޓުގައި ސޮއިކުރެއްވި ގަވަރުނަރަކީވެސް ޤާސިމެވެ.

ޤާސިމްގެ ސިޔާސީ މަސައްކަތަށް ބަލާއިރު ޤާސިމް އިބުރާހީމް އިސްލާޙީ މަސައްކަތުގެ ތެރެއަށް ނުކުންނަވަން ނިންމެވީ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ނާއިބު ރައީސްކަމުގެ މަޤާމުގައި ހުންނެވިއިރު 1984 ވަނަ އަހަރުގެ ތެރޭގައެވެ. ޖެހިގެންއައި 1985 ވަނަ އަހަރު ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ރައީސްކަމަށް ޤާސިމް ވަޑައިގެން އިސްލާޙީ މަސައްކަތުގައި ދެމިހުންނެވިއެވެ.

ޤާސިމް ފެއްޓެވި ސިޔާސީ މަސައްކަތުގެ ތެރެއިން 1989 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު މެންބަރެއްގެ ގޮތުގައި އިންތިޚާބުވެ ވަޑައިގަތެވެ. ރާއްޖޭގައި އޭރު އޮތް ސިޔާސީ އޮއިވަރުގައި، 2001 ވަނަ އަހަރު ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމް.ޑީ.ޕީ. އުފެއްދުމަށް އިސްވެ ސޮއިކޮށް ސަރުކާރަށް ހުށަހެޅި 42 މީހުންގެ ތެރޭގައި ޤާސިމް އިބްރާހީމް ހިމެނިވަޑައިގަތެވެ.

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިހާރު ދިވެހިން މިދެކޭ ހެއު ބަދަލުތައް ގެނުވި ޤާނޫނުއަސާސީ، ތަފާތު ފިކުރުތަކުގެ ވިސްނުން އެއްގޮތް ކުރުވައިގެން އިޞްލާޙުކޮށް، އެ ބުރަ މަސައްކަތް ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމުގެ އެންމެ އިސްދައުރެއް އަދާކުރެއްވެވި މޭސްތިރިއަކީ ޤާސިމް އިބްރާހީމެވެ. އަދި އެމަނިކުފާނުވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން ރައްޔިތުންގެ ކުރިއެރުމާއި، މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ޤާސިމް އިބްރާހީމް ގެންދަވަނީ 4 އޯގަސްޓް 2008 ގައި ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ މިއަދާއި ހަމައަށްވެސް ޖުމްހޫރި ޕާޓީގެ ލީޑަރުގެ މަޤާމް ފުރުއްވަމުންނެވެ. އޭގެ ކުރިން، އެމަނިކުފާނު ވަނީ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ މޭސްތިރިކަމުގައި، އުފެއްދެވި ޑީއާރުޕީގެ ނާއިބު ޒަޢީމްގެ މަޤާމްވެސް ފުރުއްވާފައެވެ. ޤާސިމް އިބްރާހީމް ވަނީ 2008، 2013 އަދި 2023 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރިޔާސީ އިންތިޚާބުތަކުގައި ވާދަކުރައްވާފައެވެ.

ވިޔަފާރީގެ ރޮނގުން ޤާސިމް ކުރެއްވި ޚިދުމަތަށް ބަލާއިރު، 1976 ވަނަ އަހަރު ގެ މެދެއްހާ ހިސާބުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ބްރާންޗުން ނެންގެވި ފަނަރަހާސް ރުފިޔާގެ ލޯނަކާއެކު ވިޔަފާރިފެއްޓެވި ޤާސިމް އިބްރާހީމަކީ ދިވެހި ޤައުމުދުއް އެންމެކާމިޔާބު އެއްވިޔަފާރިވެރިޔާއެވެ. އެމަނިކުފާނު ނެންގެވި ލޯނުންފެއްޓެވި ކާޑާއި، ތެލުގެ ވިޔަފާރި ފުޅާކުރައްވައި ޝިޕިންގ ލައިނެއް އުފައްދަވައި، އެވިޔަފާރިތައް ބޮޑުކުރައްވައި ފުޅާކުރައްވަމުންގޮސް އެމަނިކުފާނުގެ ވިލާ ގްރޫޕްގެ ކުޑައިގެ ދަށުން އަންނަނީ ކާމިޔާބު އެތައް ވިޔަފާރިއެއް ކުރުއްވަމުންނެވެ. މިކުޑައިގެ ދަށުގައި ހިމެނޭ ވިލާ ހޮޓެލްސްގެ ފަތުރުވެރިކަމުގެ ރިސޯރޓްތަކާއި، ވިލާ ޓްރެވަލްސްއަކީ ރާއްޖޭގެ ޓުއަރިޒަމް ދާއިރާގެ އެންމެ ކާމިޔާބު ވިޔަފާރިތަކެވެ.

މަސްވެރިކަމުގެ ޞިނާޢީ ބޮޑެތި ކާރުހާނާތަކާއި، ބޯޓްތަކާއި، އެހެނިހެން ޞިނާޢީ ބޮޑެތި މަސައްކަތްތައް ކަމުގައިވާ، ސިމެންތި ބަންދުކުރާ ކާރުހާނާއާއި، ޓިނު އުފައްދާ ކާރުހާނާއާއި، ކައްކާ ގޭހުގެ ވިޔަފާރިއާއި، މީޑިއާ ނެޓްގެ ވިޔަފާރި ހިމެނެނީ ވިލާ ގްރޫޕްގެ ކާމިޔާބު ވިޔަފާރިތަކުގެ ގޮތުގައެވެ. ކަނޑުދަތުރު ފަތުރުގެ އިތުރުން ވައިގެ ދަތުރު ފަތުރުގެ ދާއިރާއިން ވިލާއެއަރގެ ފްލައިމީ ހިންގަވަމުން ދާއިރު އދ. މާމިނގިލީގައި އަމިއްލަ އެއަރޕޯރޓެއް ހައްދަވައި ޚިދުމަތް ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ކޮލެޖް ކަމުގައިވާ ވިލާ ކޮލެޖާއި، މުނިފޫހިފިލުވުމާއި މަޢުލޫމާތާއި ޚަބަރު ފެތުރުމުގެ ދާއިރާއިން ވީމީޑިއާ ފަދަ އެތައް ވިޔަފާރިއެއްދަނީ ކާމިޔާބުކަމާއެކު ހިންގަމުންނެވެ. ރާއްޖޭގައި މުޅިން އަލަށް ފެށި ސަބްމެރިން އޮޕަރޭޓް ކުރުމުގެ ޚިދުމަތްކަމުގައިވާ ވޭލް ސަބްމެރިންއަކީވެސް ޤާސިމް އިސްވެހުންނަވައި ފެއްޓެވި މަސައްކަތްޕުޅެކެވެ.

ދަރުމައަށް ޤާސިމް ކޮށްދެއްވި މަސައްކަތްތަކަށް ބަލާއިރު، އެކިމުހުތާދުތައް ފުއްދުމަށް ދަތިވެފައިވާ ރައްޔިތުންނަށް އެހީތެރިކަމުގެ އަތެއް، ރަސްމީކޮށް ޒަމާނީ ގޮތެއްގައި ފޯރުކޮށްދެއްވަން ފެއްޓެވުމުގެ މާކުރިން، 1976 ވަނަ އަހަރުން ފެށިގެން ޤާސިމް އިބުރާހީމް ގެންދަވަނީ ދަރުމަވެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ. 19 މާރޗް 2003 ގައި ވިލާ ފައުންޑޭޝަން އުފައްދަވައި، އެތައް ހާސް ޢާއިލާއަކަށް އެހީތެރިވެ ވަޑައިގަންނަވާ ދީލަތި މަދަދުގާރެއްގެ ގޮތުގައި ޤާސިމް އިބްރާހީމް ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު އައު ހަރުފަތަކަށް ގެންދެވިއެވެ.

ޤާސިމް އިބްރާހީމަކީ އެމަނިކުފާނުގެ އިޖުތިމާޢީ ޒިންމާ އަދާކުރެއްވުމުގައި އެފަދަ ދެވަނައެއްނެތް ފަދަ ޚިދުމަތްތެރިއެކެވެ. ވިލާ ފައުންޑޭޝަންގެ އެހީގައި އެތައް ލައްކަ ރައްޔިތުންނަށް ބޭސްފަރުވާގެ އެހީތެރިކަންލިބި، އެތައް ހާސް ދިވެހި ދަރިންނަށް ސާނަވީ ތަޢުލީމުން ފެށިގެން މަތީ ތަޢުލީމުގެ ދަރަޖަތައް ކަމުގައިވާ ފުރަތަމަ ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީ.އެޗް.ޑީ ޙާޞިލް ކުރުމުގެ އެންމެހާ ކަންކަން ފަހިކޮށްދެއްވުމުގެ އިތުރުން މެޑިކަލް ޑޮކްޓަރުން، ނަރުހުން އަދި ޕައިލޮޓުން އުފެއްދެވުމުގައި ކުރަންޖެހޭ ހުރިހާ ހޭދައެއް ކުރެއްވުމަކީވެސް ޤާސިމަށް ލިބިވަޑައިގަންނަވާ އުފަލަކަށް ހެއްދެވިއެވެ. ވަކިއެކި ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި ރަށްރަށަށް އެންމެ ބޭނުންތެރި އެހީތެރިކަމެއް ފޯރުކޮށްދޭ ވާޞިތާއަކީވެސް ޤާސިމް އިބްރާހީމްގެ ވިލާ ފައުންޑޭޝަނެވެ.