ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަކީ މަކަރުވެރި ޚިޔާނާތްތެރިއެއްކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ، ރައީސް ޔާމީން އިސް އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފްރޮންޓް އޮފީސް ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅަކާއި ގުޅުވައިގެން ރަށްދު ދެއްވަމުންނެވެ.

Ad
rt

އެ ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު އަކީ ''ސިޔާސީ ޕާޓީގެ ތެރެއިން ހަމައެކަނި މަނީ ލޯންޑް ކުރަށްވާ ރައީސް'' ކަމަށް ވިދާޅުވެފަވެއެވެ. އޮންލައިން ނޫހެއްގައި މި ޚަބަރު ގެނެސްދީފައިވާއިރު އެ ޚަބަރުގެ ސުރުޚީގެ ސްކްރީން ޝޮޓެއް އެކްސްގައި ހިއްސާކުރަށްވަމުން ފަލާހް ވިދާޅުވީ، ރައީސް މުޢިއްޒުއަކީ މި ޤައުމު ދުއް އެއްމެ އަމާނާތްތެރި ރައީސް ކަމަށެވެ.

''ޔާމީން އަކީ މިފަހުގެ ތާރީޚުގައި މި ޤައުމު ދުއް އެއްމެ ބޮޑު މަކަރުވެރި، ޚިޔާނާތް ތެރިޔާ. ކުރެއްވި ކަންކަން އޮއްބާލަން ނޫޅުއްވާ! އިންސާފް އަރާ ހަމަ ކުރާނެ.'' ފަލާހް ވިދާޅުވެފަވެއެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން ވަނީ ޕީޕީއެމް އާއި ޕީއެންސީ އަށް ލިބުނު ފައިސާގެ 90% ވަގަށް ނަގައިގެން ކައިފައިކަމަށް ވެސް ފަލާހް މީގެ ކުރީން ވަނީ ތުހުމަތު ކުރަށްވާފައެވެ.

''ރައީސް ޔާމީން ވަނީ ޕީޕީއެމް އަށް ވެސް ޕީއެންސީއަށް ވެސް ލިބުނު ފައިސާގެ 90 އިންސައްތަ ނަގައިގެން ވަގަށް ކައިފަވީ އިއްޒަތްތެރި ރައީސް''، 4 ނޮވެމްބަރު 2024 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިލެކްޝަން ކޮމިޝަންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙްގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވެފައި ވެއެވެ.