އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އެ ހޮސްޕިޓަލުގައި އެއްވެސް ސާޖަރީއެއް ހުއްޓާލާފައި ނުވާކަމުގެ ޔަގީންކަން މިއަދު ދީފައެވެ.

މި ޔަގީންކަން ދިނީ ހޮސްޕިޓަލުގެ ސާޖަރީތައް ހުއްޓާލާފައިވާ ކަމަށް މީސްމީޑިއާގައި ފެތުރެމުންދާ މަޢުލޫމާތުތަކަކީ ދޮގު މަޢުލޫމާތު ކަމަށް ބުނެ މީސްމީޑިއާގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ.

Ad
rt

އައިޖީއެމްއެޗުން ބުނެފައިވަނީ އެ ހޮސްޕިޓަލުގެ އެއްވެސް ސަރޖަރީއެއް މިވަގުތު ހުއްޓާލާފައި ނުވާކަމުގެ ޔަޤީންކަން ދޭކަމަށެވެ. އަދި އެ ހޮސްޕިޓަލުން ވަނީ މިފަދަ ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކުގެ ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައިވެއެވެ.

މީގެ އިތުރުން، އާންމު ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް މިފަދަ ޙަޤީޤަތާ ޚިލާފު މަޢުލޫމާތު މީސްމީޑިއާގައި ފަތުރަމުންދާތީ، މިކަމާމެދު ކަންބޮޑުވުން ފާޅުކޮށް، ޒިންމާދާރުކަމާއެކު މަޢުލޫމާތު ފެތުރުމަށް އައިޖީއެމްއެޗުން ވަނީ ނަޞޭޙަތްތެރިވެފައެވެ.

އައިޖީއެމްއެޗަކީ ރާއްޖޭގެ މައި ހޮސްޕިޓަލެވެ. އަދި ރާއްޖޭގައި އެންމެ ގިނަ ރައްޔިތުން ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލް ވެސް މެއެވެ.