ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު އެސްޕަންޔޯލުން ކާމިޔާބު ކޮށްފިއެވެ. އެސްޕަންޔޯލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ރެއާލުގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ.

ރެއާލުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމްގެ ހަމަލާތައް ހުއްޓުވުމުގައި، އެސްޕަންޔޯލްގެ ކީޕަރ ގާސިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެސް އޭނާއެވެ.

Ad
rt

ފުރަތަމަ ހާފުގައި ރެއާލުން އުފެއްދި ހަމަލާއެއްގައި ވިނީސިއަސް ލަނޑެއް ޖެހި ނަމަވެސް ބިލްޑަޕްގައި އެމްބާޕޭ ފައުލް ކުރުމާއި ގުޅިގެން ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ވަނީ ލަނޑު ކެންސަލް ކޮށްފައެވެ.

މުޅި ޓީމް ޑިފެންސަށް ފައިބައިގެން ކުޅުނު އެސްޕަންޔޯލުން މެޗުގައި ލަނޑުޖެހީ 85 ވަނަ މިނެޓުގައި އުފެއްދި ކައުންޓަ އެޓޭކެއްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކާލޮސް ރޮމެއިރޯއެވެ.

ރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑުން ވަނީ 2-0 ގެ ނަތީޖާއިން މަޔޯކާ ބަލިކޮށްފައެވެ.

ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެއް ޕޮއިންޓްގެ ލީޑަކާއިއެކު މިވަގުތު އޮތީ ރެއާލެވެ. އެ ޓީމަށް 22 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 22 މެޗުން ވަނީ 48 ޕޮއިންޓް ލިބިފައެވެ. ތިންވަނާގައި ބާސާ އޮތީ 21 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ.

މިރޭ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު ބާސެލޯނާ އަމިއްލަ ދަނޑުގައި ނުކުންނާނީ ޑެޕޯޓިވޯ އަލްވޭސް އާއި ދެކޮޅަށެވެ.