ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭ އޮފްގައި މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ކުޅެން ބޭނުންނުވާ ކަމުގައި ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
ގްރޫޕް ބުރުގެ ފަހު މެޗުގައި ރޭ ރެއާލުން ވަނީ ރަށުން ބޭރުގައި 3-0 ގެ ނަތީޖާއިން ބްރެސްޓް ބަލިކޮށް، ދެވަނަ ބުރުގެ ޕްލޭއޮފް ޖާގަ ކަށަވަރުކޮށްފައެވެ. ފުރަތަމަ ބުރުގައި ކުޅުނު އަށް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައި އޮތުމުން ރޭ މެޗަށް ނުކުތްއިރު ވެސް ގަދަ އަށް ޓީމްގެ ތެރެއިން ރެއާލަށް ފުރުސަތެއް ނެތެވެ.
ރޭ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ރެއާލް އޮތީ ތާވަލުގެ 11 ވަނާގައެވެ. އެ ޓީމަށް 8 މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. ރެއާލް އަތުން ބަލިވި ބްރެސްޓަށް ވެސް ވަނީ ޕްލޭއޮފުން ޖާގަ ލިބިފައެވެ. އެ ޓީމް އޮތީ ތާވަލުގެ 18 ވަނާގައެވެ.
ރޭ މެޗުގައި ރެއާލްގެ ބްރެޒިލް ފޯވާޑް، ރޮޑްރިގޯ ވަނީ ދެ ލަނޑު ޖަހައިދީފައެވެ. ދެން ރެއާލަށް ލަނޑު ޖަހައިދިނީ ރޭ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ޖޫޑް ބެލިންހަމެވެ.
ދެވަނަ ބުރުގެ ޕްލޭއޮފްގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ޓީމަކީ މެންޗެސްޓާ ސިޓީ ނުވަތަ ސެލްޓިކެވެ. ދެވަނަ ބުރުގައި ކްލަބްތައް ވާދަކުރާނެ ޓީމުތައް ފައިނަލް ވެގެންދާނީ އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުމަށްފަހުގަ އެވެ.
"އަހަރެމެން ބޭނުމެއް ނޫން ސިޓީއާއި ދެކޮޅަށް ކުޅޭކަށް، އެކަމަކު ކުޅެން ޖެހިއްޖެނަމަ ކުރިއެކޭ އެއްގޮތަށް އެ ޓީމާއި ދެކޮޅަށް ކުޅެން ތައްޔާރު" އަންޗެލޮޓީ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ސިޓީއާއި ސެލްޓިކް އަޅާކިޔާނަމަ ސެލްޓިކަށްވުރެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީ ސިޓީ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!