ހއ. އަތޮޅުގެ ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީތެރިކަން ދިނުމަށް ހއ. އަތޮޅު ކައުންސިލުން އިއްޔެ ހުޅުވާލައިފިއެވެ.
ހއ. އަތޮޅުގެ ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީތެރިކަން ދިނުމަށް ހއ. އަތޮޅު ކައުންސިލުން ނިންމީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 149 ވަނަ ޢާންމު ބައްދަލުވުމުގައެވެ.
މިގޮތުން މި އަހަރު އެ ކައުންސިލުން ހިންގުމަށް ނިންމާފައިވާ ޙަރަކާތްތަކުގެ ތެރޭގައި، ކޮލެޖު އަދި ޔުނިވަރސިޓީތަކުން ހިންގާ ފަންނީ ކޯސްތަކުގައި ހއ.އަތޮޅުގެ ކައުންސިލްތަކުގެ މުވައްޒަފުން ބައިވެރިކޮށް އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ހއ. އަތޮޅު ކައުންސިލުން އިއްޔެ ކުރި ޢިއުލާނެއްގައި މިކަމަށް ޝަރުތުހަމަވާ، ޝައުގުވެރިކަންހުރި ހއ. އަތޮޅުގެ ކައުންސިލްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މިގޮތުން މިކަމަށް ޝަރުޠުހަމަވާ ޝައުގުވެރިކަންހުރި ފަރާތްތަކުން ކުރިމަތިލެއްވުމަށް އެދި "ކޮލެޖު އަދި ޔުނިވަރސިޓީތަކުން ހިންގާ ފަންނީ ކޯސްތަކުގައި ހއ.އަތޮޅުގެ ކައުންސިލްތަކުގެ މުވައްޒަފުން ބައިވެރިކޮށް އެ ފަރާތްތަކަށް މާލީ އެހީތެރިކަން ހޯދުމަށް ހުށަހަޅާ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު 2025 ފެބުރުވަރީ 20 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެ ކައުންސިލަށް ނުވަތަ އެ އަތޮޅުގެ ރަށު ކައުންސިލްތަކަށް ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި ފުރުސަތުގެ ދަށުން ކުރިމަތިލާ ފަރާތްތައް އީމެއިލް ކުރަން ޖެހެނީ info@halifatoll.gov.mv އަށެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ އަތޮޅު ކައުންސިލްގެ ނަންބަރު 1658 އަށް ގުޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
ހއ.އަތޮޅު ކައުންސިލުން ފާހަގަކުރާ ގޮތުގައި މިއީ، މިދިޔަ އަހަރު ވެސް ހއ.އަތޮޅު ކައުންސިލުން ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔަ އެއް ހަރަކާތެވެ. އެގޮތުން ވޭތުވެދިޔަ އަހަރު ހއ. އަތޮޅުގެ ކައުންސިލްތަކުގެ ފަންނީ ކޯސްތަކުގައި ކިޔަވާ 2 މުވައްޒަފަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެއީ ހއ.އަތޮޅު ކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ ދީމާ ހަސަން އާއި އިހަވަންދޫ ކައުންސިލްގެ ކައުންސިލް އޮފިސަރ އިބްރާހީމް ސުހޭލް އެވެ. މި ކޮންމެ ފަރާތަކަށް މާލީ އެހީގެ ގޮތުގައި 370500 (ތިރީސް ހަތްހާސް ފަސްސަތޭކަ) ރުފިޔާ ވަނީ ދީފައެވެ.
މިފަދަ ޕްރޮގްރާމްތަކުގެ މަޤުސަދަކީ، މި އަތޮޅުގެ ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރޭގައި ލީޑަރޝިޕް ކުރިއަރުވައި، މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ އިތުރުން ފަންނީ ދާއިރާތަކުން ތަމްރީން ލިބިފައިވާ ޤާބިލް ބަޔަކަށް މުވައްޒަފުން ހެދުންކަމަށް އަތޮޅު ކައުންސިލުން ވަނީ ބުނަފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!