ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް އަންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނެވޭނެ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށް ފާއިތުވި ހަފްތާތަކުގައި ވެސް ވިދާޅުވެފައި ވާއިރު ޓްރަމްޕް މިވަނީ އަނެއްކާވެސް އެކަން ތަކުރާރު ކުރައްވާފައެވެ.
"އަހަރެމެންނަށް އެތަން ލިބޭނެ ކަމަށް އަހަރެން ހިތަށްއަރަނީ،" އެއަރ ފޯސް ވަން މަތީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ ގްރީންލޭންޑްގެ 57،000 ރައްޔިތުން އެމެރިކާއާ އެކުވާން ބޭނުންވާ ކަމަށެވެ.
ޓްރަމްޕް މިވާހަކަތައް ތަކުރާރު ކުރައްވާފައިވާއިރު ފާއިތުވި ހަފްތާގައި ޑެންމާކުގެ ބޮޑުވަޒީރު މެޓެ ފްރެޑެރިކްސެން ރައީސް ޓްރަމްޕާއެކު ކުރެއްވި ފޯނު ކޯލެއްގައި ގްރީންލޭންޑް ދޫކޮށްލަން ބޭނުން ނުވާކަމަށް ވަރަށް ހަރުކަށި ގޮތަކަށް ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުގައި 2019 ވަނަ އަހަރު ވެސް އެމަނިކުފާނު ވަނީ މި ބޮޑު އާކްޓިކް ސަރަހައްދު ގަތުމުގެ ވާހަކަ ދައްކަވާފައެވެ. އަދި ބައިނަލްއަގުވާމީ ސަލާމަތަށްޓަކައި ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށުގައި އޮތުމަކީ "ކޮންމެހެން ބޭނުން" ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
"އަހަރެން ހިތުން އެ މީހުން ބޭނުންވަނީ އަހަރެމެންނާއެކު އުޅެން،" ޓްރަމްޕް އޭނާގެ މަތިންދާބޯޓުގައި އެ ޖަޒީރާއާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވިއެވެ.
"ޑެންމާކަށް އެތަނުގެ މައްޗަށް އޮތް ހައްގަކީ ކޮބައިކަން އަހަރެންނަކަށް ރަނގަޅަކަށް ނޭނގޭ. އެކަމަކު އެކަން ވިޔަ ނުދިނުމަކީ މަސަލަހަތު ނަގާލުމުގެ ޢަމަލެއް. އެއީ މިނިވަން ދުނިޔެ ރައްކާތެރިކުރުމަށްޓަކައި އަހަރެމެން ކުރާ ކަމެއް،" އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
ޓްރަމްޕްގެ މި ޔަގީންކަމާއެކު، ގްރީންލޭންޑްގެ ބޮޑުވަޒީރު މޫޓެ އެގެޑެ ވިދާޅުވެފައިވަނީ އެ ސަރަހައްދު ދުވަހަކުވެސް ދޫކޮށްލަން ބޭނުން ނުވާކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!