ސްޕެނިޝް ލަލީގާގައި މޮޅެއް ނުލިބި ހަތަރު މެޗަށް ފަހު ބާސެލޯނާއިން މޮޅުވެއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ބާސާއިން ވަނީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއިން ވެލެންސިއާގެ މައްޗަށް ކުރި ހޯދާފައެވެ.
ރޭ މެޗަށް ނުކުތުމުގެ ކުރިން ބާސާއިން ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމަށް މޮޅެއް ހޯދިފައި ނުވެއެވެ. ދެ މެޗު އެއްވަރުވިއިރު ދެ މެޗުން ބަލިވެ ޕޮއިންޓްތަކެއް ގެއްލުމާއިއެކު އެއްވަނަ މަގާމު ގެއްލި އެ ޓީމް ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ސޮއްސާލިއެވެ.
ރޭ މެޗުން ހޯދި ތިން ޕޮއިންޓާއިއެކު މިވަގުތު ވެސް ބާސާ އޮތީ ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް 21 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، 21 މެޗުން 45 ޕޮއިންޓް ހޯދައިގެން ދެވަނާގައި އޮތީ އެތުކެޓިކޯ މެޑްރިޑެވެ. އެއްވަނާގައި ރެއާލް މެޑްރިޑް އޮތީ 21 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ.
ރޭ މެޗުގައި ބާސާއިން ވަނީ ފުރަތަމަ ހާފުގައި އެކަނި ވެސް ފަސް ގޯލު ޖަހާފައެވެ. ފުރަތަމަ ލަނޑު ތިންވަނަ މިނެޓުގައި ޑިޖޮން ޖަހައިދިންއިރު ދެވަނަ ލަނޑު އޭގެ ފަސް މިނެޓް ފަހުން ޖަހައިދިނީ ފެރާން ޓޯރޭސްއެވެ. މެޗުގެ 14 ވަނަ މިނެޓުގައި ބާސާއަށް ތިންވަނަ ލަނޑު ޖަހައިދިނީ ރަފީނިއާއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފާމިން ލޮޕޭޒް ވަނީ ބާސާއަށް ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ޖަހައިދީފައެވެ.
ދެވަނަ ހާފުގައި ބާސާއަށް ހަވަނަ ލަނޑު ލެވަންޑޯސްކީ ޖަހައިދިންއިރު ބާސާގެ ހަތްވަނަ ލަނޑަކީ ވެލެންސިއާގެ ޓަރޭގާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ވެލެންސިއާގެ ހަމައެކަނި ލަނޑު ޖަހައިދިނީ ހޫގޯ ޑޫރޯއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!