އިމާރާތެއްގެ 5 ވަނަ ފަންގިފިލާގެ ކުޑަދޮރަކުން ކުޑަ ކުއްޖަކު ނުކުތުމަށް މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، މި ވީޑިއޯ ދައުރުކުރުން ހުއްޓާލައި ރިމޫވްކޮށްލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފައިވަނީ މި ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
"މިފަދަ ވީޑިއޯތައް ދައުރު ކުރުމަކީ އެ ކުއްޖާއާއި ކުއްޖާގެ އާއިލާ، އާންމުންގެ ފާޑުކިޔުމާއި ނަފްސާނީ ގޮތުން އަނިޔާއަށް ހުށަހެޅިގެން ދާނެކަމެކެވެ. އާއިލާގެ އިތުރުން، މިކަމުގެ ސަބަބުން މި ވީޑިއޯ ފެންނަ ކޮންމެ މީހަކަށްވެސް ނަފްސާނީގޮތުން އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ،" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މިފަދަ މަންޒަރުތަކުގެ ސަބަބުން، ކުޑަކުދިން ނުވަތަ ނާޒުކު ހާލަތުގައި ތިބޭ މީހުން ޓްރިގަރވެ، އެމީހުން ނުރައްކަލަކަށް ހުށަހެޅިދާނެ ކަމަށެވެ. އަދި މިފަދަ ފުޓޭޖްތައް ދައުރު ކުރުމަކީ، ސޯޝަލް މީޑިއާގައި ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ ސަގާފަތެއް އާލާވެ، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެގެން ހިނގައިދާނެ ކަމެއް ކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހައްމިއްޔަތުކަން ދީ، ކުޑަދޮރުތަކާއި ބެލްކަނިތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނަށް ނުރައްކާތަކާ ބެހޭގޮތުން ހޭލުންތެރިކުރުމަށް ގޮވާލާފައެވެ. އަދި މިފަދަ ވީޑިއޯތައް އިތުރަށް ދައުރުކުރުމުގެ ބަދަލުގައި އެ ޕްލެޓްފޯމްތަކުން ނެގުމަށް ރިޕޯޓުކުރުމަށްވެސް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް ނުވަތަ މަޢުލޫމާތެއް ވާނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!