ބިދޭސީއަކަށް ވަޅިން ބިރުދައްކައި ފޭރުނު ކަމުގެ ތުހުމަތުގައި ތިން ދިވެހިން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނިގޮތުގައި މިކަން ހިނގާފައިވަނީ 22 ޖަނަވަރީ 2025 ވަނަ ދުވަހުގެ ރޭ 22:14 ހާއިރުއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި މާލޭގެ ރަސްފަންނު ސަރަޙައްދުގައި ފުޓް ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ޕެޓްރޯލް ބީޓަކަށް ބަޔަކު ދުވެފައި ދިޔަތަން ފެނުމުން، އެމީހުންގެ ފަހަތުން ދިޔަ މީހާއާ ބައްދަލުކޮށް ސުވާލުކުރުމާއެކު މި މައްސަލަ ބަލަން ފެށީއެވެ.
މި މައްސަލާގައި ފޭރުނު ކަމަށް ތުހުމަތުކުރެވޭ މީހުން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް، އެހެން ޕެޓްރޯލް ބީޓްތަކުގެ އެހީތެރިކަމާއެކު ކުރި މަސައްކަތުން އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޯތު ހާބަރު ސަރަޙައްދުންނެވެ.
އެމީހުން ފޭރިފައިވަނީ 1000 ދިވެހި ރުފިޔާއާއި 10 ޔޫރޯ، 10 ބަންގްލަދޭޝް ޓަކާ، 20 ސްރީލަންކާ ރުޕީ، 500 އިންޑިއަން ރުޕީ އަދި 02 ސިންގަޕޯރު ޑޮލަރެވެ. މީގެ ތެރެއިން 1000 ދިވެހި ރުފިޔާއާއި 20 ސްރީލަންކާ ރުޕީ އަދި 02 ސިންގަޕޯރު ޑޮލަރު އެމީހުން އަތުން ފެނިފައިވެއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އައްޒާ / ސ. ހިތަދޫ، މުބާރިކް މުޙައްމަދު (34 އަހަރު)، ދިގުވާނޑު. ގުރަހާގެ / ގއ. ފުވައްމުލައް، އަޙްމަދު ފަޔާޟް (30 އަހަރު) އަދި ދިގުވާނޑު. ކައިރުގެ / ގއ. ފުވައްމުލައް، އަޙްމަދު ނަދީފް (36 އަހަރު) އެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދިންގޮތުގައި މި މައްސަލަ ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!