ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެމްޕިއަން ރެއާލް މެޑްރިޑާއި ސަލްޒްބާގް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ގަދަ 16 ބުރުގެ ޖާގަ ރެއާލުން ކަށަވަރުކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ރެއާލް މޮޅުވެފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

ރޭ މެޗު ފަށައިގެން ފުރަތަމަ ދިހަވަރަކަށް މިނެޓް ސަލްޒްބާގްއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އޭގެ ފަހުން ރެއާލުން ވަނީ މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. ރެއާލްގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ޖަހައދިނީ ރޮޑްރިގޯއެވެ. ވިނީ ސަލްޒްބާގްގެ އޭރިއާތެރެއަށް މަތިން ކުޅުނު ބޯޅަ ބެލިންހަމްގެ ފައިގައި ޖެހިފައި ލިބުނީ ހުސްކޮށް ހުރި ރޮޑްރިގޯއަށެވެ. އޭނާ ވަނީ އެއްފަހަރުން އެ ބޯޅަ ގޯލުގެ ދުރުކަނަށް ފޮނުވާލާފައެވެ.

Ad
rt

ރެއާލުގެ ދެވަނަ ލަނޑު 34 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ރޮޑްރިގޯއެވެ. ބެލިންހަމްގެ ބެކްހީލް ޕާހަކުން ތަނަވަސް ކޮށްދިން ފުރުސަތުގައި ރޮޑްރިގޯވަނީ ގޯލުގެ ދުރުކަނަށް އެ ބޯޅަ ފޮނުވާލާފައެވެ.

މެޗުގެ ދެވަނަ ހާފުފެށިތާ ތިން މިނެޓްގެ ތެރޭ ރެއާލަށް ތިންވަނަ ލަނޑު ޖަހައިދިނީ އެމްބާޕޭއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ސަލްޒްބާގްގެ ކީޕަރު ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ރެއާލުގެ ހަތަރުވަނަލަނޑާއި ފަސްވަނަ ލަނޑު ޖަހައިދިނީ ވިނީއެވެ.

ވިނީ ރޭ ޖެހި ފުރަތަމަ ލަނޑަކީ އޭނާ ރެއާލް ޖޯޒީގައި ޖެހި 100 ވަނަ ލަނޑެވެ. އެ ލަނޑު ޖެހުމަށް ފަހު އޭނާ ވަނީ އުފާފާޅުކުރުމުގައި އެކަން ފާހަގަ ކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި ދެން ރެއާލަށް ބާކީ އޮންނާނީ އެންމެ މެޗެކެވެ. އެއީ ބްރެސްޓާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗެވެ.

ރޭ ލިބުނު ތިން ޕޮއިންޓާއިއެކު ރެއާލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 16 ވަނާގައެވެ. އެ ޓީމަށް 7 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

މިއީ ޔޫރަޕްގެ މުބާރާތްތަކުގައި ސަލްޒްބާގާއި ރެއާލް މެޑްރިޑް ބައްދަލުކުރި ހަތްވަނަ ފަހަރެވެ. މި ހަތް މެޗު ވެސް ރެއާލުން ވަނީ ކާމިޔާބުކޮށްފައެވެ.