ހުރިހާ ދާއިރާއަކުން އެންމެ މަތީ ފަންތީގައި ޚިދުމަތް ލިބޭ ރަށަކަށް ރ. އުނގޫފާރު ވެގެންދާނެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މި ފަދައިން ވިދާޅުވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ އަތޮޅު އުނގޫފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުގައެވެ.
އުނގޫފާރަކީ އާބަން ސެންޓަރު ތަކުގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ހަތް ރަށުގެ ތެރެއިން ރަށެކެވެ.
މިކަން ފާހަގަކުރަށްވައި ރައީސް ވަނީ، އުނގޫފާރު އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރައްޔިތުންނާއި ހިއްސާ ކުރައްވައި، މެދު އަދި ދުރު ރާސްތާ ވިސްނުންފުޅުގެ ތަރައްޤީގެ މާސްޓަރ ޕްލޭންގެ މަސައްކަތްތައް ކުރެވެމުން ދާއިރު، ހުރިހާ ދާއިރާއަކުން އެންމެ މަތީ ފަންތީގައި ޚިދުމަތް ލިބޭ ރަށަކަށް ރ. އުނގޫފާރު ވެގެންދާނެ ކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މޫސުމީ ގޮތުން ފުރުޞަތު ފަހިވުމާއެކު ރ. އުނގޫފާރުގެ ބިން ހިއްކުމުގެ މަސައްކަތްތައް، ވަޢުދުވެވަޑައިގެންފައި ވާ ގޮތަށް ފުރިހަމަކޮށް ނިންމަވައިދެއްވާނެ ކަމަށާއި، އަދި އެ މަނިކުފާނުގެ ވެރިކަމުގެ މި ދައުރުގައި، އެރަށުގައި 500 ހައުސިންގ ޔުނިޓްގެ އަޅުއްވައިދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
އަރބަން ސެންޓަރެއްގެ ފެންވަރުގައި އުނގޫފާރު ތަރައްޤީވެގެން އަންނައިރު، 1 ދަންފަޅިއަށް ކިޔަވައިދެވޭނެ ގޮތަށް އެރަށުގެ ސްކޫލަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުމުގެ އިތުރުން އެ ރަށުގެ ޞިއްޙީ ދާއިރާއަކީވެސް އެންމެ މަތީ ފަންތީގައި ޚިދުމަތްދޭ ދާއިރާއަކަށް ހެއްދެވުމަށްޓަކައި މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ ރޭ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އެ ގޮތުން، 3 އަހަރު ދުވަހުގެ ޕްލޭނެއްގެ ދަށުން ރ. އުނގޫފާރުގެ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލު ކުރެވިގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!