ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ބައްސާމް އަދީލް ޖަލީލް ހިޔާނަތްތެރިވެ, އަމިން އެވެނިއުގެ ފްލެޓްތަކެއް ގަތް މައްސަލާގައި އަމިން ކޮންސްޓްރަކްޝަނާއި އިތުރު ދެ މީހަކަށް ދައުލަތުން ދައުވާކޮށްފި އެވެ.
އެފްއޭއެމްއަށް ފީފާއިން އިން ދިން ފައިސާތައް ބައްސާމާއި އެތަނުގެ އިސްވެރިންގެ އެކައުންޓްތަކަށް ޖަމާކޮށް, އެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ބޭނުންކޮށްގެން އަމިން އެވެނިއުގެ ފްލެޓްތައް ބައްސާމް ގަތް މައްސަލާގައި ދައުލަތުން ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ އަމިން ކޮންސްޓްރަކްޝަންގެ އިތުރުން ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް އާއި މ. ހިރިނައިދޫ، ހަސަން ވަހީދުގެ މައްޗަށެވެ.
ޕީޖީ އޮފީހުން އަމިން ކުންފުނީގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ދައުވާ ކުރުމުގެ އިތުރުން ބައްސާމްގެ އެޕާޓްމެންޓް ގަތުމަށް އެ ކުންފުންޏަށް ދެއްކި އެއް މިލިއަން ޑޮލަރު އަމިން ކުންފުނީގެ އަތުން ނަގައި ދިނުމަށް ވެސް އެދިފައިވާނެ ކަމަށެވެ.
އޭގެ ތެރެއިން އަގީލަކީ އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމެންޓްގެ ވެރިޔާ އެވެ. އަދި ހަސަން ވަހީދަކީ ވެސް އެފްއޭއެމްގެ އިސް މަގާމުތަކެއް އަދާކުރި މީހެކެވެ. އެ މީހުންގެ މައްޗަށް ކުރަނީ މަނީ ލޯންޑާކުރަން އެހީތެރިވުމުގެ ދައުވާ އެވެ.
އެ މައްސަލާގައި ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާތަކެއް ކުރިން އޮތީ އުފުލައިފަ އެވެ. އެ މައްސަލަތަކާ ގުޅިގެން އެ އެޕާޓްމެންޓްތައް ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!