އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް މިއަދު ހުވާކުރައްވައިފިއެވެ.

ޔޫއެސް ކެޕިޓަލްގައި ބޭއްވުނު މި ރަސްމިއްޔާތުގައި ޓެކްނޮލޮޖީ ދާއިރާގެ މިލިއަނަރުންނާއި، ކުރީގެ ރައީސުން އަދި ކެބިނެޓް މެންބަރުން ބައިވެރިވިއެވެ.

Ad
rt

ހުވާކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވިދާޅުވީ "އެމެރިކާގެ ރަން ޒަމާން މިހާރު ފެށިގެން މިދަނީ" ކަމަށެވެ. އަދި އޭނާގެ ވެރިކަމުގައި ޤައުމު ކުރިއަރައި، އިހްތިރާމް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ބައިޑެން ސަރުކާރުން ބިދޭސީންގެ މައްސަލަ ބެލެހެއްޓި ގޮތަށް ފާޑުކިޔުއްވި ޓްރަމްޕް، ބައިޑެންގެ ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި މެކްސިކޯ ބޯޑަރުގައި ނޭޝަނަލް އިމަޖެންސީއެއް އިއުލާންކުރައްވާނެ ކަމަށާއި، ޑްރަގް ކާޓެލްތައް ޓެރަރިސްޓް ޖަމާއަތްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާގެ 45 ވަނަ އަދި 47 ވަނަ ރައީސްއެވެ. 2020 ވަނަ އަހަރު ޖޯ ބައިޑެންއާ ވާދަކޮށް ބަލިވިއިރު، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަލުން ވާދަކުރައްވައި، އެ އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތާރީޚުގައި ދެވަނަ ފަހަރަށް ރައީސްކަމަށް އައުމުގައި އެންމެ ދިގު މުއްދަތެއް ނަގާފައިވަނީ އޭނާއެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އިމިގްރޭޝަނާއި ވިޔަފާރީގެ ގޮތުން އަޅުއްވާފައިވާ ހަރުކަށި ފިޔަވަޅުތަކާއި، ކޮވިޑް-19 އާ ގުޅިގެން އެޅުއްވި ފިޔަވަޅުތަކާ މެދު ގިނަ ފާޑުކިޔުންތަކެއް ލިބިވަޑައިގެންފައިވެއެވެ.