ޓިކްޓޮކަށް އިތުރު 90 ދުވަހުގެ މުއްދަތެއް ދޭން ގަސްތުކުރައްވާކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، ޓިކްޓޮކް އެމެރިކާގައި ބޭނުންކުރުން މަނާކުރުމުގެ ކުރިން އިތުރު 90 ދުވަހުގެ މުއްދަތެއް ދެއްވުމަށް ވަރަށް ބޮޑަށް ގަސްތުކުރައްވާ ކަމަށެވެ.

Ad
rt

އެންބީސީ ނިއުސްގެ "މީޓް ދަ ޕްރެސް" އަށް ހޮނިހިރު ދުވަހު ދެއްވި ފޯނު އިންޓަވިއުއެއްގައި، މިކަމާ މެދު އަދި ވަކި ގޮތެއް ނިންމަވާފައި ނުވިނަމަވެސް، އާދިއްތަ ދުވަހުގެ ސުންގަޑީގެ ކުރިން ޗައިނާގެ ކުންފުންޏަކުން ނޫން އެހެން ފަރާތަކަށް ވިއްކާލުމަށް ނުވަތަ އެމެރިކާގައި މަނާކުރުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތެއް މިއަންނަ ހޯމަ ދުވަހު އިޢުލާނު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ބައިޑެންގެ އިދާރާއިން މި ޤާނޫނު ތަންފީޒު ނުކުރާނެކަމަށް ތަކުރާރުކޮށް ބުނެފައިވާއިރު، އެ ޒިންމާ ޓްރަމްޕްގެ އިދާރާއަށް ދޫކޮށްލާފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެއެވެ. އެހެންނަމަވެސް، އިތުރު "ސާފުކަމާއި ޔަގީންކަން" ނުލިބޭނަމަ، އާދިއްތަ ދުވަހު އެޕްލިކޭޝަން ހުއްޓާލަން ޖެހިދާނެކަމަށް ޓިކްޓޮކްއިން ބުނެފައިވެއެވެ.

މިދިޔަ އަހަރު ފާސްކުރި ޤާނޫނެއްގައިވާ ގޮތުން، އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން ހުއްދަ ކުރެވޭނީ ޗައިނާގެ ބައިޓްޑާންސް އިން އެހެން ފަރާތަކަށް ވިއްކާލުމުންނެވެ. މިހާރުގެ ރައީސް ބައިޑެން މިދިޔަ އަހަރުގެ އޭޕްރީލް މަހު މި ޤާނޫނުގައި ސޮއިކުރެއްވިއެވެ.

ޓިކްޓޮކްއާ މެދު މިހާރު ޓްރަމްޕް ގެންގުޅުއްވާ ވިސްނުމަކީ، ފުރަތަމަ ދައުރުގައި އެޕްލިކޭޝަން މަނާކުރަން މަސައްކަތް ކުރެއްވި ވިސްނުމާ ތަފާތު ވިސްނުމެކެވެ.

މިދިޔަ އަހަރު އެ އެޕްލިކޭޝަންގެ އެމެރިކާގެ އިންވެސްޓަރަކާ ބައްދަލުކުރެއްވުމަށް ފަހު އޭނާގެ ވިސްނުން ބަދަލުވެފައިވާކަމަށް ވެއެވެ.