ރަޝިޔާ އާއި އީރާނުން އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރަން ނިންމައިފިއެވެ.

ރަޝިޔާ އާއި އީރާނުން އެދެގައުމުގެ ސިފައިންގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެއްބަސްވެފައިވާއިރު، މިއެއްބަސްވުމަކީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މޮސްކޯއަށް ކުރެއްވި ދަތުރުފުޅެއްގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ.

Ad
rt

މި 20 އަހަރުގެ "ސްޓްރެޓެޖިކް ޕާޓްނަރޝިޕް" މުއާހަދާގައި ހިމެނެނީ ދިފާއީ، ޓެކްނޮލޮޖީ، ހަކަތަ އަދި ވިޔަފާރީގެ ދާއިރާތަކެވެ. އީރާނުން މިހާރުވެސް ދަނީ ރަޝިޔާއަށް ޑްރޯން ފޯރުކޮށްދެމުންނެވެ. އަދި ހުޅަނގުގެ އިންޓެލިޖެންސް މަޢުލޫމާތު ދައްކާގޮތުން، ބެލިސްޓިކް މިސައިލްވެސް ފޯރުކޮށްދެއެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔުކްރެއިންއަށް ފުޅާ ދާއިރާއެއްގައި ހަނގުރާމަ އިއުލާނުކުރި ފަހުން، ރަޝިޔާވަނީ އީރާން، ޗައިނާ އަދި އުތުރު ކޮރެއާއާއެކު ގުޅުން ވަރުގަދަކޮށްފައެވެ.

މި މުއާހަދާގެ ދަށުން، އެދެގައުމުގެ ސަރަހައްދުގައި އަދި އެހެން ސަރަހައްދުތަކުގައިވެސް އެކުގައި ސިފައިންގެ ތަމްރީނުތައް ކުރިއަށްގެންދިއުމަށާއި، އަސްކަރީ އަދި ސަލާމަތީ ނުރައްކާތަކާ ކުރިމަތިލުމުގައި މަޝްވަރާކޮށް އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވެއެވެ.

ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވިގޮތުގައި އީރާނުގައި އިތުރު ނިއުކްލިއަރ ޕަވަރ ޔުނިޓްތަކެއް ގާއިމުކުރުމަށް ރަޝިޔާއިން ވިސްނަމުންދެއެވެ. އަދި ރަޝިޔާއިން އިތުރުވާ ގޭސް އީރާނަށް ވިއްކުމަށްވެސް ވަނީ ރޭވިފައެވެ. މިގޮތުން އަހަރަކު 55 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް އީރާނަށް ފޯރުކޮށްދެވިދާނެ ކަމަށް ޕުޓިން ވިދާޅުވިއެވެ.

ހަކަތައިގެ ދާއިރާގައި އިތުރަށް އެއްބާރުލުން ދިނުމުގެ ސަބަބުން، ދެގައުމުގެ ވިޔަފާރި އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ބެލެވެއެވެ.