ރޫސީވިލާތު (ރަޝިޔާ)ގެ މަރުވެފައިވާ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ތިން ވަކީލުން ޖަލަށް ލުމަށް އެ ޤައުމުގެ ކޯޓުން ޙުކުމްކޮށްފިއެވެ.
މި ތިން ވަކީލުންކަމުގައިވާ ވަދީމް ކޮބްޒެވް، އިގޯރް ސެރްގުނިން އަދި އެލެކްސީ ލިޕްޓްސަރް މިހާރުވެސް ބަންދުގައި ތިބިއިރު، މޮސްކޯއިން އިރުމަތީގައި ގާތްގަނޑަކަށް 100 ކިލޯމީޓަރު (60 މޭލު) ދުރުގައިވާ ޕެޓުޝްކީ ރަށުގެ ކޯޓަކުން 3.5 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް އެމީހުން ޖަލަށްލުމަށް ހުކުރު ދުވަހު ވަނީ ޙުކުމްކޮށްފައެވެ.
އެމީހުން ހައްޔަރުކޮށްފައި ވަނީ 2023 ގެ އޮކްޓޯބަރު މަހު، މަރުވެފައިވާ އިދިކޮޅު ލީޑަރު ނަވަލްނީގެ ސިޔާސީ ބައިވެރިންނަކީ ހަރުކަށި ޖަމާޢަތްތަކެއްގެ ގޮތުގައި އޮތޯރިޓީތަކުން ކަނޑައެޅުމާ ގުޅިގެން، ހަރުކަށި ފިކުރުގެ ޖަމާޢަތްތަކާއި ގުޅުން ހުރި ކަމުގެ ދަޢުވާގައެވެ.
މި މައްސަލައަކީ ރޫސީވިލާތުގެ އިދިކޮޅު ސިޔާސީ ވާދަވެރިންގެ ދިފާއުގައި، ސިޔާސީ މައްސަލަތަކުގައި ދިފާޢީ ވަކީލުން ނުކުތުން ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުގެ މައްޗަށް ފޯރުވާ ނުފޫޒު ފާޅުކަން ބޮޑުގޮތެއްގައި ފެންނަ މައްސަލައެއްކަމަށް ރޫސީންގެ އިދިކޮޅު ފަރާތްތަކުން ސިފަކޮށްފަވެއެވެ.
އިދިކޮޅު ލީޑަރު ނަވަލްނީ ވެސް ވަނީ ހަރުކަށި ޙަރަކާތްތަކާއި ގުޅޭ ކުށްތައް ހިމެނޭ ގޮތަށް އެކި ކުށްތަކުގެ ދަށުން 19 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކޮށްފައެވެ. އޭނާ މަރުވީ 2023 ގެ ފެބްރުއަރީ މަހު ރަޝިޔާގެ ޖަލު ކޭމްޕެއްގައެވެ.
މިނިވަން ރަޝިޔާގެ ނޫހެއް ކަމުގައިވާ ނޯވަޔާ ގަޒެޓާއިން ރިޕޯޓުކުރި ގޮތުގައި، ޖެނުއަރީ 10 ވަނަ ދުވަހު ކޯޓުގައި ކޮބްޒެވް ދިން ފަހުގެ ބަޔާނުގައި ބުނެފައިވަނީ "އަޅުގަނޑުމެން ޝަރީޢަތްކުރެވެނީ ނަވަލްނީގެ ޚިޔާލުތައް އެހެން މީހުންނަށް ފޯރުކޮށްދިނުމުގެ ސަބަބުން" ކަމަށެވެ.
މިނިވަން ރަޝިޔާގެ ނިއުސް އައުޓްލެޓް މީޑިއާޒޯނާއިން ރިޕޯޓުކުރި ގޮތުގައި ޙުކުމްކުރުމަށް ޙާޟިރުވި ތިން ނޫސްވެރިން ހައްޔަރުކޮށް ފުލުހުންގެ މަރުކަޒަކަށް ގެންދިޔައެވެ.
އިދިކޮޅު ލީޑަރު ނަވަލްނީގެ ނެޓްވޯކްތައް ހަރުކަށި ޖަމާޢަތްތަކެއްގެ ގޮތުގައި ކަނޑައެޅުނީ 2021 ގައި ނެރުނު ޙުކުމަކާ ގުޅިގެންނެވެ. މި ޙުކުމުން އޭނާގެ ޖަމްޢިއްޔާތައް ކަމަށްވާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފައުންޑޭޝަނާއި ސަރަޙައްދީ އޮފީސްތަކުގެ ނެޓްވޯކް ހަރުކަށި ޖަމާޢަތްތަކެއްގެ ގޮތުގައި ޤާނޫނާ ޚިލާފު ކަމަށް ކަނޑައެޅިއެވެ.
މި ޙުކުމުން، އެ ޖަމްޢިއްޔާތަކާ ގުޅުން ހުރި ކޮންމެ މީހަކަށްވެސް ދަޢުވާ އުފުލުމުގެ ފުރުޞަތު ހުޅުވިގެން ދިޔައެވެ. މި ޙުކުމަކީ ސިޔާސީ ބޭނުމަކަށްޓަކައި އަދި ނަވަލްނީގެ ޙަރަކާތްތައް ހުއްޓުވުމަށް ފަރުމާކުރެވިފައިވާ އެއްޗެއްކަމަށް ކްރެމްލިންގެ ފާޑުކިޔާ ފަރާތްތަކުން ކުށްވެރިކޮށްފައިވެއެވެ.
ނަވަލްނީގެ އެކުވެރިންގެ ބަހުން، އޮތޯރިޓީތަކުން ވަކީލުންނަށް ތުހުމަތުކޮށްފައިވަނީ އެމީހުންގެ މަޤާމު ބޭނުންކޮށްގެން ނަވަލްނީގެ ކިބައިން އޭނާގެ ޓީމަށް މަޢުލޫމާތު ފޯރުކޮށްދިން ކަމަށެވެ.
ނަވަލްނީއަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އަދި ރައީސް ވްލަދިމީރް ޕުޓިންއާ ދެކޮޅަށް ހަރުކަށި ބަހުރުވައިން ވާހަކަދައްކާ ފަރާތެކެވެ. އޭނާ ހައްޔަރުކުރެވުނީ 2021 ގައި ޖަރުމަނުވިލާތުން އެނބުރި އައިތަނުންނެވެ. އޭނާ ޖަރުމަނުވިލާތުގައި ހުރީ ނާރވް އޭޖެންޓަކުން އޭނާ އަށް ވިހަ ދިނުމުން އެކަމަށް ފަރުވާ ހޯދުމަށެވެ. މި ވިހަ ދިނުމުގެ ތުހުމަތު އޭނާ ކުރީ ކްރެމްލިންއަށެވެ.
ދެ ޝަރީޢަތަކަށްފަހު، ނަވަލްނީގެ މައްޗަށް 19 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު، އޭނާއާއި އޭނާގެ އެކުވެރިން ބުނާ ގޮތުގައި މި ދަޢުވާތަކަކީ ސިޔާސީ ބޭނުމަށް އުފައްދާފައިވާ ދައުވާތަކެކެވެ. އަދި ކްރެމްލިންއިން އޭނާ އުމުރަށް ޖަލަށްލުމަށް މަސައްކަތްކުރާ ކަމަށް އެމީހުން ވަނީ ތުހުމަތުކޮށްފައެވެ.
2023 ގެ ޑިސެމްބަރު މަހު، ނަވަލްނީ މޮސްކޯގެ އިރުމަތީގައިވާ ވްލަދިމީރް ސަރަޙައްދުގެ ޕީނަލް ކޮލޮނީއަކުން އާކްޓިކް ސަރަހައްދުގެ މަތީގައިވާ ކޮލޮނީއެއްކަމަށްވާ ބަޮނީއަކަށް ބަދަލުކުރިއެވެ. އެތަނުގައި އޭނާ މަރުވީ 2024 ގެ ފެބްރުއަރީ މަހު 47 އަހަރުގެ އުމުރުގައި، އަދިވެސް ސާފުނުވާ ޙާލަތެއްގައެވެ. އޭނާގެ އަންހެނުން ޔޫލިއާ ނަވަލްނާޔާ އަދި އޭނާގެ ޓީމުގެ މެންބަރުން ތުހުމަތުކުރަނީ އޭނާ މަރާލެވުނީ ކްރެމްލިންގެ އަމުރަކަށް ކަމަށެވެ. އޮފިޝަލުން މި ތުހުމަތު ދޮގުކޮށްފައިވެއެވެ.
ނަވަލްނީގެ އިތުރު ދެ ވަކީލުން، އޯލްގާ މިޚައިލޯވާ އަދި އެލެކްސެންޑަރ ފެދުލޮވް ސަރުކާރުގެ ހޯދާ މީހުންގެ ލިސްޓެއްގައި ހިމަނާފައެވެ. ނަމަވެސް އެމީހުން މިހާރު ރަޝިޔާގައި ނޫޅެއެވެ.
އިދިކޮޅު ލީޑަރާއި އޭނާގެ ހަރަކާތާއި ގުޅިފައިވާ މީހުންގެ ހޯދައި ދައުވާކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށް ރަޝިޔާގެ އިދިކޮޅު ފަރާތްތަކާއި ހަވާލާދީ އެ ޤައުމުގެ މިނިވަން މީޑިއާގައި ރިޕޯޓުކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!