އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ހަމާސްއާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ރުހުން ދީފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާގައި ބުނެފައިވާ ގޮތުގައި، އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ހަމާސްއާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވަނީ ރުހުން ދީފައެވެ. އަދި މި އެއްބަސްވުން އާދީއްތަ ދުވަހު ތަންފީޒުކުރެވޭނެ ކަމަށް ލަފާކުރެވޭކަމަށް ވެސް ބުނެފަވެެއެވެ.

Ad
rt

އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިޢުލާނުކުރި ފަހުން، އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 113 ފަލަސްޠީނު މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސްއިން ބުނެފައިވެއެވެ. މީގެ ތެރޭގައި 28 ކުދިންނާއި 31 އަންހެނުން ހިމެނެއެވެ.

ފަލަސްޠީނު ރެފިއުޖީންނާބެހޭ އދ.ގެ އޭޖެންސީން ބުނާ ގޮތުގައި، ޣައްޒާގައި ދުވާލަކު އަންދާޒާކުރެވޭ ގޮތުގައި 15 ކުދިންނަށް ހަނގުރާމައިގެ ސަބަބުން އުމުރަށް ނުކުޅެދުންތެރިކަން ލިބޭ ފަދަ އަނިޔާތައް ލިބެމުންދެއެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 46،876 ފަލަސްޠީނުން މަރުވެ، 110،642 މީހުންނަށް އަނިޔާވެފައިވެއެވެ. އެ ދުވަހު ހަމާސްގެ އިސްނެގުމުގައި ކުރި ހަމަލާތަކުގައި އިސްރާއީލުގައި މަދުވެގެން 1،139 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ހައްޔަރުކުރެވުނެވެ.

އަލްޖަޒީރާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި، ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އާލު ޘާނީ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން "ފުރިހަމައަށް ތަންފީޒުކުރެވި، މި ހިތާމަވެރި ހާދިސާ ނިމުމަކަށް އަންނާނެ" ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އޭނާ ވަނީ ޣައްޒާއަށް ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމުގެ މުހިންމުކަމާއި، އަސަރުކޮށްފައިވާ ޢާއިލާތަކަށް އެހީތެރިވުމުގެ ނިޒާމުތައް ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރަށްވާފައެވެ.