އިނގިރޭސިވިލާތުން ޔޫކްރެއިނާއާއެކު 100 އަހަރުގެ ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފިއެވެ.
އިނގިރޭސި ބޮޑުވަޒީރު ކީރ ސްޓާމަރ ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ޒިޔާރަތްކުރައްވައި، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީއާ ބައްދަލުކުރައްވަން ވަނީނިންމަވައިފައެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ސަލާމަތީ އަދި އަސްކަރީ ގުޅުން ވަރުގަދަކުރެވޭނެއެވެ. އަދި ބޯލްޓިކް ކަނޑާއި، ކަޅު ކަނޑާއި، އަޒޯވް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވޭނެއެވެ.
މީގެ އިތުރުން، ޔޫކްރެއިންގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ރަޝިޔާއިން ވަގަށް ނެގުން ހުއްޓުވުމަށްޓަކައި އާ ނިޒާމެއް ގާއިމުކުރެވޭނެއެވެ. އެ ނިޒާމަކީ އިނގިރޭސިވިލާތުގައި ތައްޔާރުކުރެވޭ ގްރެއިން ވެރިފިކޭޝަން ސްކީމެކެވެ.
އިނގިރޭސި ބޮޑުވަޒީރު ވިދާޅުވީ ޔޫކްރެއިނަށް ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް އެހީތެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި ޕާޓްނަރޝިޕްގެ ސަބަބުން ދެ ގައުމަށްވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މި އެއްބަސްވުމުގައި މައިގަނޑު 9 ދާއިރާއެއް ހިމެނެއެވެ. އަދި މި އެއްބަސްވުން އިނގިރޭސިވިލާތުގެ ޕާލަމެންޓަށް އަންނަ ހަފްތާތަކުގެ ތެރޭގައި ހުށަހެޅޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!