އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް އާސެނަލް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ރޭ އާސެނަލުން ޓޮޓެންހަމް އަތުން މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޓޮޓެންހަމުންނެވެ. މި ލަނޑު 25 ވަނަ މިނެޓުގައި ޖަހައިދިނީ ސޮންއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ވަނީ ލީޑު އަނބުރާލާފައެވެ.
އާސެނަލުން ޖެހި ފުރަތަމަ ލަނޑަކީ މެޗުގެ 40 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ސޮލަންކޭ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އޭގެ ހަތަރު މިނެޓް ފަހުން އޮޑެގާޑް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޓްރޮސާޑް ވަނީ ލަނޑުޖަހައި އާސެނަލަށް ލީޑު ހޯދައިދީފައެވެ.
މިއީ ލީގުގައި މި ސީޒަންގައި އާސެނަލް އަތުން ޓޮޓެންހަމް ބަލިވި ދެވަނަ ފަހަރެވެ. ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އާސެނަލުން، ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް ބަލިވެފައި ނުވެއެވެ.
ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ލިވަޕޫލެވެ. އެ ޓީމަށް 20 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އާސެނަލް އޮތީ 21 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!