އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު، ސިޓީ ދެ ލަނޑުގެ ލީޑެއްގައި އޮއްވައި، މެޗުގެ ފަހު ވަގުތު ބްރެންޓްފޯޑުން ދެ ލަނޑުޖަހައި ސިޓީއާއި އެއްވަރުކޮށްފިއެވެ. ރޭ ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވެއެވެ. މެޗުގެ ސިޓީއަށް ދެ ލަނޑު ވެސް ޖަހައިދިނީ ފިލް ފޮޑެންއެވެ. ފުރަތަމަ ލަނޑު 66 ވަނަ މިނެޓުގައި ޑިބްރޭނާގެ އެހީތެރިކަމާއިއެކު ޖެހިއިރު ދެވަނަ ލަނޑު ޖެހީ 78 ވަނަ މިނެޓުގައެވެ.
ބްރެންޓްފޯޑުގެ ފުރަތަމަ ލަނޑު 82 ވަނަ މިނެޓުގައި ޔޯނޭ ވިސާ ޖަހައިދިންއިރު، ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ ނޯގާޑެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު، ޗެލްސީއާއި ބޯންމައުތު ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ކޯލް ޕާމާގެ ލަނޑުން ޗެލްސީން ލީޑު ނަގާފައި ވަނިކޮށް ދެވަނަ ހާފުގައި ބޯންމައުތުން ވަނީ ދެ ލަނޑުޖަހައި ލީޑު ނަގާފައެވެ. އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ކްލައިވަޓްއާއި ސަމެންޔޯއެވެ. ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު، ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ޖޭމްސްއެވެ.
ރޭ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއިން ވެސްޓް ހޭމް އިން ވަނީ ފުލަމް ބަލިކޮށްފައެވެ. ވެސްޓް ހޭމްގެ ލަނޑުތައް ޖަހައިދިނީ ސޮލާ، ސޮއުސެކްގެ އިތުރުން ޕަކުއޭޓާއެވެ. ފުލަމްއަށް ދެ ލަނޑު ވެސް ޖަހައިދިނީ އޮބީއެވެ.
ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލިވަޕޫލް އޮތީ 20 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ނޮޓިންހަމް ފޮރެސްޓަށް 21 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު ތިންވަނާގައި އޮތް އާސެނަލަށް 20 މެޗުން ލިބިފައި ވަނީ 40 ޕޮއިންޓެވެ. ހަތަރުވަނާގައި ޗެލްސީ އޮތީ 21 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނާގައި އޮތް ނިއުކާސަލަށް 20 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު ހަވަނާގައި އޮތް ސިޓީއަށް ލިބިފައި ވަނީ 21 މެޗުން 35 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!