ޖިންސީ ގޯނާ ކޮށް ބްލެކްމެއިލް ކުރުމާއެކު 14 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ސިފައިންގެ މީހާ ވަނީ ސަސްޕެންޑްކޮށްފައި ކަމަށް އެމްއެންޑީއެފުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފިއެވެ.
ސިފައިންގެ ދެމީހަކު 15 އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރަކު ވިދާޅުވުމާއި ގުޅިގެން އެ މެމްބަރު އެވިދާޅުވަނީ ކޮން ސިފައިންގެ މީހެއްގެ ވާހަކަތޯ ހޯދަން އެ ޢިއްޒަތްތެރި މެމްބަރުގެ އަރިހުންއެދުނީމެވެ. އެ ސިފައިންގެ 2 މީހުންނަކީ ކޮން ބައެއްކަން އެނގޭނީ ފުލުހުންނަށް ކަމަށް ވިދާޅުވުމުން މިފަދަ ތުހުމަތެއް ކުރެވޭ ސިފައިންގެ 2 މީހަކު ވާނަމަ، އެބަޔަކާއިގުޅޭ މަޢުލޫމާތު ދެއްވުމަށް ފުލުހުންގެ އިދާރާގައި 2020 ޖެނުއަރީ 18 ގައި އެދިފައިވާކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.
2020 ޖަނަވަރީ 22 ގައި ސިފައިންގެ މީހަކު ފުލުހުންގެ ހައްޔަރަށް ގެންދިޔަކަމުގެ މަޢުލޫމާތު އެރޭގެ 20:00 ގައި މިމުއައްސަސާއަށް ފުލުހުންގެ އިދާރާއިން ޙިއްސާކުރެއްވުމާއި ގުޅިގެން މި މުއައްސަސާގެ ޤަވާއިދުގައިވާ ގޮތުގެމަތިން އެމް.އެން.ޑީ.އެފްގެ ކަމާބެހޭ ކޮމިޓީ ބައްދަލުކޮށް، ފުލުހުންގެ ހައްޔަރަށް ގެންދިޔަ ސިފައިންގެ މީހާ، އޭނާ ހައްޔަރަށް ގެންދިޔަ ވަގުތުން ފެށިގެން ވަނީ ސަސްޕެންޑްކޮށްފައެވެ.
ބަޔާނުގައި ވެއެވެ.
ރައްޔިތުންގެ މަޖިލީސްގެ ޢިއްޒަތްތެރި މެމްބަރު ވިދާޅުވެފައިވަނީ 2 ސިފައިންގެ މީހެއްގެ ވާހަކަ ކަމަށް ވީހިނދު، މިއަދާ ހަމައަށް އައި އިރުވެސް މި މައްސަލައިގައި ހިމެނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރު އެ ވިދާޅުވާ ސިފައިންގެ 2 ވަނަ މީހަކު މި މައްސަލާގައި ހިމެނޭކަން ނުވަތަ ނޫންކަން އަދި މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވަނީ ކޮން ތާރީޚެއްގައިކަންވެސް ފުލުހުން މި މުއައްސަސާއާއި ޙިއްސާކުރެއްވި މަޢުލޫމާތުން ސާފުނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ސިފައިންގެ މީހަކާމެދު މިބާވަތުގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ ކަމުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރަށް ލިބިވަޑައިގަތުމުން އެ މަޢުލޫމާތު މި މުއައްސަސާއާއި ޙިއްސާކުރެއްވިނަމަ އަދި ފުލުހުންގެ އިދާރާއިންވެސް ސިފައިންގެ މީހަކާއިމެދު މިފަދަ މައްސަލައެއް ބައްލަވާކަމުގެ މަޢުލޫމާތު މިމުއައްސަސާއާ ޙިއްޞާކުރެއްވިނަމަ، މި މުއައްސަސާގެ ޤަވާޢިދުތަކުގައިވާ ގޮތުގެ މަތީން މި މުއައްސަސާއިން ވަޤުތުން ބަލާ ވަޤުތުން ފިޔަވަޅު އެޅުނީސްކަމާއި މިމަޢުލޫމާތު މި މުއައްސާއާ ކުރިން ޙިއްސާކުރައްވާފައިނުވާތީ، ނުހަނު ހިތާމަކުރާ ވާހަކަ ދަންނަވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!