މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަމާސް އަދި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަކާ ކައިރިވެފައިވާކަމަށް މަސްދަރުތަކުން ބުނެފިއެވެ.
އެމެރިކާގެ، އަރަބި އަދި އިސްރާއީލުގެ އިސް ވެރިންނާ ހަވާލާދީ ސީބީއެސް ނިއުސްއިން ބުނެފައިވަނީ މި އެއްބަސްވުމުގެ ފަހު ތަފްސީލުތައް މި ހަފްތާގެ ތެރޭގައި ނިންމައި، އިސްރާއީލުގެ ސަރުކާރުން މިއަށް ވޯޓުދީފިނަމަ، މި އެއްބަސްވުން ތަންފީޒުކުރަން ފެށިދާނެކަމަށް އެމެރިކާ އަދި ސަރަހައްދީ ވަސީލަތްތަކުން ބުނެފައިވާ ކަމަށެވެ.
މިގޮތުން، އެމެރިކާގެ ރައީސް ބައިޑެންގެ ދައުރު ނިމުމުގެ ކުރިން މި އެއްބަސްވުން ވުޖޫދަށް އައިސް، އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުރުގައި މިއަށް އަމަލުކުރަން ފެށިދާނެކަމަށް އެ ނޫހުން ބުނެފައިވެއެވެ.
ޤަޠަރުގެ ވެރިރަށް ދޯހާގައި ފާއިތުވި ހަފްތާތަކުގައި މަޝްވަރާތައް ކުރިއަށް ދިޔައިރު، އެމެރިކާގެ މެދުއިރުމަތީގެ އެންމެ އިސް ލަފާދޭ ފަރާތް ކަމުގައިވާ ބްރެޓް މެކްގަރކް މި ސަރަހައްދުގައި އެއް މަސްދުވަހަށްވުރެ ގިނަ ދުވަސް ހޭދަކޮށް، މި އެއްބަސްވުން ނިންމުމަށް މަސައްކަތްކޮށްފައިވެއެވެ. އޭނާ ޓްރަމްޕްގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފްއާ ގުޅިގެން މަސައްކަތްކުރިކަމަށް ރިޕޯޓްތައް ބުނެއެވެ.
ވިޓްކޮފް ވަނީ ފާއިތުވި ހަފްތާ ބަންދުގައި އިސްރާއީލަށް ޒިޔާރަތްކޮށް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ ބައްދަލުކޮށްފައެވެ. އަދި ޤަޠަރުގެ ބޮޑުވަޒީރު މިއަދު މޮސާދުގެ ޑިރެކްޓަރ ޑޭވިޑް ބަރނެއާއާ ބައްދަލުކޮށް، މި އެއްބަސްވުމުގެ އެންމެ ފަހުގެ ތަފްސީލުތައް ނިންމުމަށް މަސައްކަތްކުރާނެކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!