އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރަން ނިންމުމާ ގުޅިގެން ގިނަ އަދަދެއްގެ އެމެރިކާ ޔޫޒަރުން ޗައިނާގެ ސޯޝަލް މީޑިއާ އެހެން އެޕެއް ކަމަށްވާ "ރެޑްނޯޓު" އަށް ބަދަލުވަމުން އެބަދެއެވެ. އެގޮތުން ވޭތުވެދިޔަ 2 ދުވަހުގެ ތެރޭގައި 700،000 އަށްވުރެ ގިނަ އައު ޔޫޒަރުން ރެޑްނޯޓުގައި އެކައުންޓް ހަދާފައިވެއެވެ.

ޓިކްޓޮކާ ގުޅޭގޮތުން އެމެރިކާ ސަރުކާރުގެ ކަންބޮޑުވުންތަކާ ހެދި ޓިކްޓޮކް ވިއްކާލުމަށް ނުވަތަ ބަންދުކުރުމަށް ދީފައިވާ ސުންގަޑިއަކީ މި މަހުގެ 19 އެވެ. މިހާރު 170 މިލިއަން އެމެރިކާ ރައްޔިތުން ޓިކްޓޮކް ބޭނުން ކުރެއެވެ.

Ad
rt

ރެޑްނޯޓުގައި އެމެރިކާ އަދި ޗައިނާގެ ޔޫޒަރުން، މިއަދު "ޓިކްޓޮކް ރެފިއުޖީސް" ގެ ނަމުގައި ބޭއްވި ލައިވް ޗެޓެއްގައި 50،000 އަށްވުރެ ގިނަ ޔޫޒަރުން ބައިވެރިވެ، ކާނާ އަދި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކާމެދު މަޝްވަރާކޮށްފައިވެއެވެ.

ޗައިނާގައި ޝިއައޯހޮންގްޝޫގެ ނަމުން މަޝްހޫރު ރެޑްނޯޓަކީ 300 މިލިއަނަށްވުރެ ގިނަ ޔޫޒަރުން ދަތުރުފަތުރު އަދި ރެސްޓޯރަންޓްތަކުގެ މަޢުލޫމާތު ހޯދުމަށް ބޭނުންކުރާ އެޕެކެވެ. މި އެޕްގެ އަގު މިހާރު ވަޒަންކުރެވެނީ 17 ބިލިއަން ޑޮލަރުގައެވެ.