އިރުވައި މޫސުމުގެ "ހަޅަ" ޖަހަމުންދާތީ މުޅި ރާއްޖެ އަށް ވެސް ވައިގަދަވެ އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރަމުންދާ މިދުވަސް ވަރުގައި ހދ ނެއްލައިދޫ ރައްޔިތުން ރޭވެސް ތިބެން ޖެހުނީ ނުނިދާ ފާރައަށެވެ.

ނެއްލައިދޫ ބަނދަރަކީ ރާއްޖޭގެ އެހެން ރަށްރަށުގެ ބަނދަރުތަކާއި ހިލާފަށް ބަނދަރުތެރޭގައި ތުންޑިޔެއް ތިލަވެފައިވާ ބަނދަރެކެވެ. މިދިޔަ މަޖިލިސް އިންތިހާބަށް ބަނދަރުތެރޭ އުފެދިފައިވާ ވެލިގަނޑު ނަގާ އާންމު ހާލަތަށް ގެނެސްފައި ވީނަމަވެސް އަނެއްކާ އެވެލިގަނޑު ބަނދަރުތެރެއަށްވަދެ މިވަނީ ދަތިރަކާއި ކުރިމަތިލާން ޖެހިފައެވެ.

Ad
rt

މިއީ 1348 މީހުން ދިރިއުޅޭ ހދ. ނެއްލައިދޫގެ ބަނދަރުގެ ހާލަތު! އޮޑިވެރިން އެތިބެނީ އަގުބޮޑު އުޅަނދުތަކަށް ކަމެއް ވެދާނެތީ ނުނިދާ ދަމު ފޯރިއަށް. ބަނދަރު ބޭނުން ނުކުރެވި، އޮޑިފަހަރު ރަށުގެ ހުޅަނގު ފަރާތުގަ. ބަނދަރެއް އޮވެމެ، އޮޑިފަހަރަށް އަރަން ޖެހެނީ ބޯޑެއްގަ. ބަނދަރަށް ނުވަދެވޭތީ ގިނަ ދުވަސްދުވަހު ފެރީގެ ޚިދުމަތުން މަހުރޫމްވޭ.. މިކަމަށް ހައްލެއް އިންތިހާއަށް ބޭނުންވޭ... ބަޖެޓުގަ ޖެހިޔަސް ވާކަށް ނެތް. އަމަލީ މަސައްކަތް އަވަސްކޮށް ނެއްލައިދޫ ރައްޔިތުން ރަށު ބަންދުން ވީއްލެން އެބަ ޖެހޭ... އޮޑިވެރިންނަށް ނިދާލެވެން އެބަ ޖެހޭ.....

މިކަމުގެ ދަތިކަން ބަޔާންކޮށްދެމުން އެރަށު ޒުވާބެއްކަމަށްވާ ހާމިދު ރަޝީދު ބުނެފައިވެއެވެ.

ތިލަދުންއާއި ވާހަކަ ދައްކަވަމުން ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވީ ބަނދަރު ބޭނުން ނުކުރެވޭ ހާލަތުގައި އޮތްއިރު މިކަމުގެ ސަބަބުން ވަރަށް ބޮޑެތި އުންދަގޫތަކެއް ކުރިމަތި ވެފައިވާކަމަށެވެ. ބަނދަރުތެރެއިން އަރާ ލޮނުތައް ރަށުތެރެއަށް އަރައިގެންގޮސް ހިނދެނީ ބަނދަރުމަތީ ހުރި ގޯތި ތަކުގެ ކައިރިއަށްކަމުން އެގޭތަކުގެ ފެން ލޮނުވާކަމުގެ ޝަކުވާ ބޮޑުވެފައިވާކަމަށެވެ.

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށުތެރެއަށްލޮނުގަނޑު އަރާ ކައިރި ގޭގެއަށްވެސް އަސަރު ކުރާތީ އެކަން ހައްލުކުރުމަށް ކައުންސިލުންވަނީ ލޮނުގަނޑު އަރާ ދިމާއަށް ވެލި އަޅާފައެވެ.

ބަނދަރުގެ ކަނޑިންމަ ގަދަވެ އޮޑި ފަހަރު ނުނިކުމެވި ތާށިވެފަ މިތިބީ. އާންމުކޮށްގަދަވާއިރު ހުޅަނޅު ފަރާތަށް ގެންދެވުނަސް މިރޭ ކުއްލިއަކަށް ގަދަވީމަ ނުގެންދެވިފަ

ދޭހަ ނޫހާއި ވާހަކަ ދައްކަމުން ނެއްލައިދޫ އޮޑިވެރިއަކު ރޭ ބުނެފައިވެއެވެ.

އެންމެ ގަދައަށް އުދައިގެ އަސަރު ކުރިވަގުތު ނެއްލައިދޫ ކައުންސިލްގެ ރައީސް ނާޒިމް ފޭސްބުކްގައި ކުރެއްވި ލައިވް އެއްގައި ފެންނަ ގޮތުން ރަށުތެރެއަށް ބިންދާލާ ރާޅުތައް ވަރަށް އުސްކޮން އަރައިގެންދާ މަންޒަރު ފެނެއެވެ.

2011 ވަނަ އަހަރު ހަދަން ފަށާ، މިދިޔަ ވެރިކަމުގައި ރަސްމީކޮށްހުޅުވި ނެއްލައިދޫ ބަނދަރަކީ ފެށުނީންސުރެ ތިލަ ވުމުގެ މައްސަލަ ދިމާވަމުން އަންނަ ބަނދަރެކެވެ. ފައިކަށި ޑިޒައިން ކުރެވިފައިވާ ގޮތުގެ ސަބަބުން އެ މައްސަލަ ދިމާވަމުން އަންނައިރު، މީގެކުރިންވެސްވަނީ ފުންކޮށްފައެވެ. އަދި މި އަހަރުގެ ބަޖެޓުގައި ހިމެނިގެން ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިޔަށް ދާނެއެވެ.