ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ދެ ބިދޭސީ އަންހެނަކު ޑީޕޯޓް ކޮށްލައިފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ، ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީންނަށް އަމާޒުކޮށް ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

Ad
rt

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މި ދެ އަންހެނުންނަކީ އުމުރުން 40 އަހަރާއި 41 އަހަރުގެ ވިއެޓްނާމަށް ނިސްބަތްވާ ދެ މީހުންނެވެ. މީގެ ތެރެއިން އެކަކު ރާއްޖޭގައި އުޅެމުން ދިޔައީ ވޯކް ވިސާގައި ކަމަށާއި ދެވަނަ މީހާއަކީ ޓޫރިސްޓް ވިސާގައި ދިރިއުޅެމުން އައި މީހެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މި ދެ އަންހެނުން ވެސް މިހާރު ވަނީ ރާއްޖެއިން ޑީޕޯޓް ކޮށްލާފައެވެ.

އިތުރު މަޢުލޫމާތު ދެމުން އިމިގްރޭޝަނުން ބުނެފައިވަނީ، މިދިޔަ އަހަރު ފަހުކޮޅު ވެސް ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ހަތް މީހަކާއި އޭޖަންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީ ފިރިހެނުން އަތުލައިގަނެ އެ މީހުން ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ.