ސްޕެނިޝް ސްޕަކަޕްގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް މަޔޯކާ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ރެއާލް ޖާގަ ހޯދައިފިއެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ރޭ ބާސެލޯނާއިން ވަނީ އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ. ވުމާއިއެކު އާދީއްތަ ދުވަހުގެ ރޭ ކުޅޭ މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ ބާސާއާއި ރެއާލް މެޑްރިޑެވެ.
ރޭ ސައުދީގެ ޖިއްދާގެ ކިންގްސް އަބްދުﷲ ސްޕޯޓްސް ސިޓީގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. ނަމަވެސް ދެވަނަ ހާފުގައި ރެއާލުން ވަނީ އެޓޭކް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން 63 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ބެލިންހަމްއެވެ. ރެއާލުގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖަހާފައި ވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ރެއާލުން ކާމިޔާބުކުރި ދެވަނަ ލަނޑަކީ މަޔޯކާގެ ޑިފެންސް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ރެއާލަށް ތިންވަނަ ލަނޑު ޖަހައިދިނީ ރޮޑްރިގޯއެވެ.
ސްޕެނިޝް ސްޕަ ކަޕް އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ރެއާލްއެވެ. މިދިޔަ އަހަރު ވެސް މި މުބާރާތުގެ ފައިނަލުގައި ކުޅުނީ މި ދެ ޓީމެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ބާސާއިންނެވެ. ބާސާއިން 14 ފަހަރު ކާމިޔާބު ކޮށްފައިވާއިރު ރެއާލުން ވަނީ 13 ފަހަރު ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!