އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑުން ޢުމްރާވެރިން ހާލުގައި ޖައްސާފައިވާމައްސަލައެއް ފެންމަތިވުމުން، އެ ކުންފުންޏާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

Ad
rt

އެބަޔާނުގައި ބުނެފައިވަނީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ޢުމްރާ ދަތުރަށް ފައިސާ ދެއްކި ނަމަވެސް، އެ ފައިސާއިން ޢުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސައި، އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަމަށް އަލްހިޖްރަ ޓްރެވަލްސްއިން އިޢުތިރާފުވެފައިވާ ކަމަށެވެ.

މީގެ ސަބަބުން، މައްކާގައި ހާލުގައި ޖެހުނު 23 ޢުމްރާވެރިން 2025 ވަނަ އަހަރުގެ ޖަނަވަރީ 9 ވަނަ ދުވަހު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ބެލުމުގެ ދަށަށް ގެނެވުނެވެ.

މި މައްސަލައާ ގުޅިގެން، މިނިސްޓްރީން އަލްހިޖްރަ ޓްރެވަލްސްއާމެދު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:

1. ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ހިފެހެއްޓުން
2. 100,000 ރުފިޔާއިން ޖޫރިމަނާކުރުން
3. ކުންފުންޏަށާއި އޭގެ ހިއްސާދާރުންނަށް އަލުން ޢުމްރާ ހުއްދަ ނުދިނުން
4. ޙާލުގައި ޖެހުނު ޢުމްރާވެރިން އަނބުރާ ގެނައުމަށް ހިނގި ޚަރަދު ހޯދުން
5. މައްސަލަ ތަޙްޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުން

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި ފިޔަވަޅުތައް ތަންފީޒުކުރުމަށް އިދާރީ އަދި ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ލަސްނުކޮށް ކުރިއަށް ގެންދާނެ ކަމަށެވެ.