ސަޢޫދީ ޢަރަބިއްޔާގެ އެކި ސަރަޙައްދުތަކަށް ވިއްސާރައާއި ފެންބޮޑުވުމުގެ ނުރައްކާ ކުރިމަތިވެއްޖެއެވެ.
ސަޢޫދީ އަށް ކުރިމަތިވެފައިވާ ގަދަ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން އެ ޤައުމުގެ މަގުތަކާއި ގިނަ ސަރަޙައްދުތަކެއް ވަނީ ފެނުއަޑީގައެވެ. މޫސުމީ ނުތަނަވަސްކަން އަދިވެސް އިތުރު ދުވަސްތަކަކަށް ދެމިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ސައޫދީގެ ނެޝަނަލް ސެންޓަރ ފޮރ މެޓިއޮރޮލޮޖީން އަންގާރަ ދުވަހު ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މައްކާއާއި މަދީނާގެ އިތުރުން އިރުމަތީ ސަރަޙައްދުގެ ބައެއް ހިސާބުތަކަށް ވަނީ އެންމެ މަތީ ފެންވަރުގެ ރަތް އިންޒާރު ދީފައެވެ. އަދި ވެރިރަށް ރިޔާޟާއި، މެދު ސަރަޙައްދު އަދި ޢަސީރު އަދި ޖާޒާން ހިމެނޭ ދެކުނު-ހުޅަނގު ސަރަޙައްދުތަކަށް އޮރެންޖް ލެވެލްގެ އިންޒާރެއް ދީ، ރައްޔިތުން ސަމާލުވުމަށް އިރުޝާދު ދީފައިވެއެވެ.
މި މޫސުމީ ނުރައްކާތެރިކަމާ ގުޅިގެން، ރެޑް ކްރެސެންޓް އޮތޯރިޓީ ހިމެނޭ ގޮތުން ސަލާމަތީ ޚިދުމަތްތައް ވަނީ ފުލް ތައްޔާރީ ހާލަތުގައެވެ. ސަޢޫދީ ޕްރެސް އޭޖެންސީން ހާމަކުރި ގޮތުގައި، ރެޑް ކްރެސެންޓްގެ ސަލާމަތީ ޓީމުތައް ވަނީ އެމްބިއުލާންސް ޚިދުމަތާއި އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރިހަމައަށް ތައްޔާރުވެފައެވެ.
ސަޢޫދީ ސަރުކާރުން ވަނީ ޚާއްޞަކޮށް އިންޒާރު ދެވިފައިވާ ސަރަޙައްދުތަކުގެ ރައްޔިތުންނަށް ރައްކާތެރިކަމުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. ސިވިލް ޑިފެންސްއިން ވަނީ ވާދީތަކާއި، ތިރީ ސަރަޙައްދުތަކާއި، ފެން ބޮޑުވެދާނެ ސަރަޙައްދުތަކާ ދުރުހެލިވުމަށް އާންމުންނަށް އިރުޝާދު ދީފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެވޭ ވީޑިއޯތަކުން ފެންނަގޮތުގައި، ގަދަ ވިއްސާރައާއެކު ވިދާގުގުރުމުގެ ސަބަބުން މަގުމަތީގައި ދުއްވާ އުޅަނދުތައް ފެނުތެރޭގައި ދުއްވާ މަންޒަރާއި، އިމާރާތްތަކަށް ފެން ވަދެފައިވާ މަންޒަރުތައް ފެންނަން ހުއްޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!