އަލްހިޖްރަ ގްރޫޕްގެ ހަވާލުގައި އުމުރާއަށް ދިޔަ ބަޔަކަށް ދިމާވެފައިވާ ހާލަތު ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މީހުން ރާއްޖެ ގެނައުމަށް ކޮށްދެވެން އޮތްކަމެއް ކުރަށްވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ހަވާލުގައި އުމުރާއަށް ދިޔަ ބަޔަކު ދިމާވެފައިވާ ހާލަތު އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
‘’އެ ރައްޔިތުން އެނބުރި ޤައުމަށް ގެނައުމަށް ކޮށްދެވެން އޮތް ކަމެއް މިނިސްޓްރީން ކުރާނެ’’ ވަޒީރު ވިދާޅުވެފަވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލްހިޖްރަ ގްރޫޕްގެ ހަވާލުގައި އުމުރާއަށް ދިޔަ 24 މީހަކަށް ވަނީ އަދި ރާއްޖެ ނާދެވިފައެވެ.
”މައްކާގައި މިވަގުތުގައި އޮތް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް މިދަނީ މަސައްކަތްކުރަމުން. އަޅުގަނޑުވާނީ ހައްޖު ކޯޕަރޭޝަންގެ އެމްޑީއަށް އިރުޝާދު ދީފައި’’ ވަޒީރު ވިދާޅުވެފަވެއެވެ.
ވަޒީރު ޝަހީމް އިތުރަށް ވިދާޅުވި ގޮތުގައި، ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީ ނުވެ ސަރުކާރަކުން ނުތިބޭނެއެވެ. އަދި ރައީސް ޑރ. މުޢިއްޒު އަބަދުވެސް އިރުޝާދު ދެއްވަނީ ރައްއްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކަމަށް ވެސް ޝަހީމް ވިދާޅުވެފަވެއެވެ.
މި މައްސަލައާ ގުޅިގެން އަލްހިޖްރަ ގްރޫޕުން އަދި އެއްވެސް ބަޔާނެއް ނެރެފައިވާކަމެއް ނޭނގެއެވެ. ނަމަވެސް، އުމުރާއަށް ދިޔަ ފަރާތްތަކުގެ ޢާއިލާތަކުން މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!