އިނގިރޭސި ލީގް ކަޕް (ކަރަބޯ ކަޕް) ސެމީ ފައިނަލުގެ ފުރަތަމަ ލެގެގައި އާސެނަލް ބަލިކޮށް ނިއުކާސަލުން ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ.

ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިއުކާސަލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.

Ad
rt

ސެމީ ފައިނަލު ދެވަނަ ލެގު ކުޅޭނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ނިއުކާސަލް ދަނޑުގައެވެ. އެ މެޗުން އެއް ލަނޑުގެ ތަފާތަކުން ބަލިވިނަމަވެސް ނިއުކާސަލްއަށް ފައިނަލުން ޖާގަ ލިބިގެންދާނެއެވެ. ނިއުކާސަލްއަށް މިހާތަނަށް އަދި މި މުބާރާތް ކާމިޔާބު ކުރެވިފައި ނުވެއެވެ.

ރޭ މެޗުގައި އާސެނަލަށް ފުރަތަމަ ލަނޑު 37 ވަނަ މިނެޓުގައި ޖަހައިދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އިސަކްއެވެ. އޭނާ މިލަނޑު ޖަހާފައި ވަނީ ޖެކޮބް މާފީގެ އެހީތެރިކަމާއިއެކުއެވެ. އެ ޓީމްގެ ދެވަނަ ލަނޑު 51 ވަނަ މިނެޓުގައި ޖަހައިދިނީ ގޯޑޮންއެވެ.

މި މެޗުގައި އާސެނަލަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތު ލިބި ބޭކާރުވެފައެވެ. އާސެނަލްގެ ވިލިއަމް ސަލީބާ ޖެހި ޝޮޓެއް ނިއުކާސަލްގެ ޑިފެންޑަރު ޑޭން ބާން ހުއްޓުވިއިރު، ގަބްރިއެލް މާޓިނެލީ ހުސްކޮށް އަރައި އާސެނަލަށް ލީޑުނަގައިދޭން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ކަރަބޯ ކަޕް ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ޓޮޓެންހަމް އާއި ލިވަޕޫލެވެ. ފުރަތަމަ ލެގު ކުޅޭނީ ޓޮޓެންހަމްގެ ދަނޑުގައެވެ.