މައިކްރޯސޮފްޓުން އޭއައި ތަރައްޤީ ކުރުމަށް އިންޑިއާގައި 3 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފިއެވެ.

މައިކްރޯސޮފްޓްގެ ސީއީއޯ ސަތްޔާ ނަޑެލާ މިއަދު ވިދާޅުވެފައިވަނީ އެ ކުންފުނިން އިންޑިއާގައި އެޒުއަރ ކްލައުޑް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ޤާބިލްކަން އިތުރުކުރުމަށް 3 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށެވެ.

Ad
rt

މި އިންވެސްޓްމަންޓަކީ މައިކްރޯސޮފްޓުން އިންޑިއާގައި މިހާތަނަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މި ފައިސާ ބޭނުންކުރާނީ 2 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ރައްޔިތުންނަށް އޭއައި ދާއިރާއިން ތަމްރީނު ދިނުމަށް ކަމަށް ވެސް މައިކްރޯސޮފްޓުން ބުނެއެވެ. މިއީ ކުންފުނިން ފަހުން އިއުލާނުކުރި، 2025 ވަނަ އަހަރު އޭއައި ޑޭޓާ ސެންޓަރުތަކަށް 80 ބިލިއަން ޑޮލަރު އިންވެސްޓްކުރުމުގެ ޕްލޭނާ ވަކިން ހިންގާ މަޝްރޫއެކެވެ.

އިންޑިއާގެ 10 ސިޓީއެއްގައި 20،000 އަށް ވުރެ ގިނަ މުވައްޒަފުން ގެންގުޅޭ މައިކްރޯސޮފްޓްގެ އަމާޒަކީ އިންޑިއާގެ ޓެކް ކޮމިއުނިޓީ ތަރައްގީކޮށް، އެ ޤައުމުގެ ހުނަރުވެރި މީހުންގެ ބޭނުން ހިފުމެވެ.

ނަޑެލާ ބެންގަލޫރޫގައި ބޭއްވި ކޮންފަރެންސެއްގައި ވިދާޅުވި ގޮތުގައި އިންޑިއާއަކީ އެމެރިކާގެ ފަހަތުން އެންމެ ގިނަ އަދަދަކަށް ޑިވެލޮޕަރުން ތިބި ޤައުމެވެ. އަދި 2028 ގައި އެންމެ ގިނަ ޑިވެލޮޕަރުން ތިބޭނެ ޤައުމަކަށް އިންޑިއާ ވާނެ ކަމަށް ލަފާކުރެވެއެވެ.

މައިކްރޯސޮފްޓުން އަމާޒު ހިފާފައިވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް 10 މިލިއަން އިންޑިއާ ރައްޔިތުންނަށް އޭއައި ދާއިރާއިން ތަމްރީނު ދިނުމަށެވެ. ފާއިތުވި އަހަރު 2.4 މިލިއަން މީހުންނަށް ތަމްރީނު ދެވިފައިވެއެވެ.