އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މިސަރުކާރުން ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމަށް ބޭނުންވާ އިސްލާޙު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ވާދޫ ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމަށްޓަކައި ވަޒީފާއާބެހޭ ޤާނޫނާއި ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެންނަވަން ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގެ ފުރަތަމަ ހަފުތާގައި، ހުށަހަޅުއްވާނެ ކަމުގައި ވިދާޅުވިއެވެ. މި އިސްލާޙުތަކުގެ ތެރޭގައި މިހާރު ލިބޭ އެލަވަންސަށް މުސާރައިގެ ދަރަޖަ ދިނުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު އެލަވަންސެއްގެ ގޮތުގައި ފައިސާ ދެމުންދާތީ، އެ ކަނބަލުންނަށް ރޯދަ އެލަވަންސް ދިނުމަށް ހުރި ހުރަސްތަކާއި ބޭންކުތަކުން ލޯނު ހޯދުމަށް ދިމާވާ ދަތިތަކުގެ އިތުރުން، ވިހެއުމުގެ ޗުއްޓީ ފަދަ ކަންކަން ހަމަޖައްސައިދިނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބަދަލަކީ މިދިޔަ އެއް އަހަރުތެރޭ އެމަނިކުފާނަށް ބައްދަލުކުރެއްވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ހުރިހާ ކޮމިޓީތަކަކުންވެސް އެދިލެއްވި އެއް ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި އިސްލާޙުތައް ގެނެސް، އަންނަ ރަމަޟާން މަހުން ފެށިގެން ކޮންމެ ރަމަޟާން މަހެއްގައިވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ މަހުގެ އިނާޔަތް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަންހެން ކަނބަލުންނަކީ ކޮންމެ ރަށެއްގެވެސް ރަށު ތަރައްޤީއަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތްކުރާ ފަރާތްތައް ކަމަށްވާއިރު، އެކަމުގެ އަގުވަޒަންކުރައްވަން ބޭނުންފުޅުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަކީ ހަމަހަމަކަމާ އެކީގައި، އެއް ހައިސިއްޔަތެއް ލިބިގެން، ރަށުގެ އަދި ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހެދުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި، މަތީ ފަންތީގައި އަދި ޓޮޕް މެނޭޖްމަންޓުގައި އަންހެން ބޭފުޅުންނަށް ޖާގަ ދިނުމަކީވެސް ސަރުކާރުގެ ސިޔާސަތެކެވެ. މިގޮތުން، ކުރީގެ ސަރުކާރުތަކާ އަޅާބަލާއިރު، މިހާރުގެ ސަރުކާރުގައި ކުންފުނިތަކުގެ ވެރިންނާއި އެހެނިހެން އިސް މަޤާމުތަކުގައި އެންމެ ގިނައިން ތިއްބަވާނީ އަންހެން ބޭފުޅުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ކުރިން އަންހެން ބޭފުޅަކު ލީޑް ނުކުރާ މުއައްސަސާތަކުގައި ޤައުމީ ފެންވަރުގައިވެސް މިހާރު އަންހެން ބޭފުޅުން ތިއްބަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަންހެން ބޭފުޅުން ކުރައްވާ މަސައްކަތަށް އެކަށީގެންވާ ގަދަރާއި ހައިބަތު ދީ، ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.