ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭނާ އެ މަގާމުގައި ހުންނެވި ދުވަސްވަރު ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތެއްގައި ބައްޕަ ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ މީހަކު ބެހެއްޓި ކަމަށް ބުނެ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ނިންމީ ޝިޔާމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އެ ނިންމުން އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.
އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އެންގެވުމަކަށް ޝިޔާމްގެ މައްޗަށް ދައުވާކުރަން 2020 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި ނަމަވެސް އޭގެ ކުރިން އެ ކޮމިޝަނުން ނިންމާފައި އޮތީ ޝިޔާމާ ދެކޮޅަށް ހެއްކެއް ނެތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!