ވަރަށް ބޮޑަށް ފޯމުދަށްވެފައި އޮތް މެންޗެސްޓާ ޔުނައިޓެޑުން، މި ސީޒަންގައި އާދަޔާ ހިލާފް މޮޅު ކުޅުމެއް ދައްކަމުން އައި ލިވަޕޫލް ހުއްޓުވައިފިއެވެ. ރޭ ކުޅުނު މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ.
ކުރިން ކުޅުނު ހަތަރު މެޗުން ވެސް ބަލިވި ޔުނައިޓެޑަށް ރޭ ލިވަޕޫލް އަތުން ލިބުނު ޕޮއިންޓަކީ އެ ޓީމަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ހާއްސަކޮށް ޓީމުގެ ފޯމު ރަނގަޅު ކުރަން ލިބުނު މުހިންމު މޮޅެކެވެ.
ރޭ ލިބުން ޕޮއިންޓާއިއެކު ޔުނައިޓެޑް މިވަގުތު އޮތީ 13 ވަނާގައެވެ. އެއްވަނާގައި ލިވަޕޫލް އޮތީ 19 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އާސެނަލް އޮތީ 20 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް މި މެޗުގައި ޔުނައިޓެޑް އިން ވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ޔުނައިޓެޑްގެ ޑިފެންޑަރ މާޓިނޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ ހަތް މިނިޓު ފަހުން ލިވަޕޫލްގެ ކޯޑީ ގެކްޕޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ލިވަޕޫލް އިން މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 70 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސޮލާހް ޖަހައިދިން ލަނޑުންނެވެ.
މެންޗެސްޓަރ ޔުނައިޓެޑް އިން މި މެޗުން ޕޮއިންޓެއް ހޯދާފައިވަނީ މެޗުގެ 80 ވަނަ މިނިޓުގައި އަމަދް ދިއާލޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ ވަނީ މެންޗެސްޓަރ ސިޓީ އަތުން ޔުނައިޓެޑް މޮޅުވި މެޗުގައިވެސް މުހިންމު ލަނޑެއް ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!