ދެކުނު ކޮރެއާގެ ޢަޒުލު ކުރެވުނު ރައީސް ހައްޔަރުކުރުމަށް ފުލުހުންނަށް އެއްބާރުލުން ނުދޭން އޭނާގެ ސެކިއުރިޓީން ވެރިޔާ ނިންމައިފިއެވެ.
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލްގެ ސެކިއުރިޓީގެ އިސްވެރިޔާ ޕާކް ޗޮންގް-ޖުން އާދިއްތަ ދުވަހު ވިދާޅުވެފައިވަނީ ރައީސް ޔޫން ހައްޔަރުކުރުމުގެ މަސައްކަތުގައި އެއްބާރުލުން ނުދެވޭނެ ކަމަށެވެ. މި ބަޔާނާއެކު ސިޔާސީ ހަލަބޮލިކަން އިތުރަށް ގޯސްވެދާނެކަމުގެ ބިރު އުފެދިފައިވެއެވެ.
އިންސަރެކްޝަންގެ ދަޢުވާގައި ރައީސް ޔޫންގެ މައްޗަށް ނެރެފައިވާ ހައްޔަރު ކުރުމުގެ އަމުރުގެ މުއްދަތު ހޯމަ ދުވަހުގެ މެންދަމު ހަމަވާއިރު، ޕާކް ވިދާޅުވެފައިވަނީ މި އަމުރާ ގުޅޭގޮތުން ޤާނޫނީ ބަހުސްތައް ކުރިއަށްދާތީ އެއްބާރުލުން ނުދެވޭނެ ކަމަށެވެ.
"ރައީސް އޮފީހުގެ ސެކިއުރިޓީ ޚިދުމަތް އަމިއްލަ އަސްކަރިއްޔާއަކަށް ވެއްޖެކަމަށް ބުނެ ދައްކަމުންދާ ވާހަކަތަަކަށް އޭނާވަނީ ރައްދު ދެއްވާފައެވެ.
"މިއީ ވޭތުވެދިޔަ 60 އަހަރު ވަންދެން ސިޔާސީ ނިސްބަތަކަށް ބެލުމެއްނެތި ހުރިހާ ރައީސުންނަށް ސަލާމަތީ ޚިދުމަތް ފޯރުކޮށްދީފައިވާ ފަރާތެއް." ޕާކް ވިދާޅުވިއެވެ.
ރައީސް ޔޫންގެ ވަކީލުން ބުނެފައިވަނީ ހައްޔަރުކުރުމުގެ އަމުރަކީ ޤާނޫނާ ޚިލާފު އަދި ބާޠިލު އަމުރެއް ކަމަށެވެ.
ރައީސް ޔޫންއަށް ލަފާދެއްވާ ޤާނޫނީ ވަކީލު ސޯކް ޑޮންގް-ހިޔޯން ވިދާޅުވެފައިވަނީ "ޤާނޫނީ މާނަކުރުމާއި ތަންފީޒުކުރުމުގެ ޞައްޙަކަން ވަޒަންކުރުމަކީ އުނދަގޫ ކަމެއް" ކަމަށެވެ. "އަދި މަޤާމުގައި ހުރި ރައީސަކާ ދެކޮޅަށް ޤާނޫނު ތަންފީޒުކުރުމުގައި ޤާނޫނީ މައްސަލައެއް އުޅޭނަމަ އެއީ ވަރަށް ބޮޑު މައްސަލައަކަށް ވެގެންދާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.
ޑިސެމްބަރު 3 ވަނަ ދުވަހު މާޝަލް ލޯ އިޢުލާނުކުރަން ކުރި ނާކާމިޔާބު މަސައްކަތާ ގުޅިގެން ހައްޔަރުކުރުމުގެ އަމުރެއް ނެރެވުނު ފުރަތަމަ ރައީސަކަށް ޔޫން ވެފައިވެއެވެ. މި ހާދިސާއާ ގުޅިގެން އޭޝިއާގެ ހަތަރުވަނައަށް އެންމެ ބޮޑު އިޤްތިޞާދު އަދި އެމެރިކާގެ މުހިންމު އެއް ބައިވެރިޔާގެ ގޮތުގައި އޮތް ދެކުނު ކޮރެއާގައި ސިޔާސީ ހަލަބޮލިކަން އުފެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!