ސަރުކާރުން ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރުން ހޯދަން މިމަހު އިއުލާންކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކ.ގުޅިއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުގައި ރައީސް ވިދާޅުވީ މިއަހަރަކީ ތަރައްގީގެ މަސައްކަތާއެކު، މުއްސަނދިކަން ރައްޔިތުންނަށް އިހްސާސްކޮށްދިނުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އަހަރެއްކަމަށެވެ.

Ad
rt

ރައީސް ވިދާޅުވީ މިއަހަރު އެކި ދާއިރާތަކުން އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މީގެތެރެއިންވެސް ދޭނީ ގޯތިގެދޮރު ބިނާކުރުމާއި ބޯހިޔާވަހިކަމާއި ގުޅޭ މަޝްރޫއުތަކަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ތަރައްގީގެ އަމަލީ އަހަރުކަމަށާއި މި އަހަރު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބޯހިޔާވަހިކަމުގެ އެންމެ ގިނަ މަސައްކަތްތައް ހިނގާ އަހަރަށްކަމަށެވެ. މީގެތެރެއިންވެސް އަތޮޅުތަކުގައި ހިންގަން އެމަނިކުފާނު ވައުދުވެވަޑައިގެންނެވި މަޝްރޫއުތައް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަސައްކަތްތައް މި މަހު ފައްޓާވާނެކަމަށް ވިދާޅުވިއެވެ.

ރައީސްގެ ވައުދުތަކުގެ ތެރޭގައި ރާއްޖޭގެ އުތުރުގައި 20000 ހައުސިން ޔުނިޓް އަދި ދެކުނުގައި 20000 ހައުސިން ޔުނިޓްގެ މަޝްރޫއު ހިންގެވުން ހިމެނެއެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތަކަށް 2.5 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މީގެތެރެއިން 1 ބިލިއަން ރުފިޔާ ހިމަނާފައި ވަނީ އުމްރާނީ މަސައްކަތްތަކަށެވެ.

ރައީސް ވިދާޅުވީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މުހިންމު މަޝްރޫއުތައް ވެސް މިއަހަރު ކުރިއަށްގެންދަވާނެކަމަށެވެ. އެގޮތުން އެމަނިކުފާނުގެ އެންމެ ބޮޑު ތަސައްވުރު، "ރަސްމާލެ" މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތްވެސް އެތައް ގުނައެއް އަވަސްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް އިތުރު ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން. އޭރުން އެއްފަހަރާ ގިނަ ޑްރެޖަރުތައް ބޭނުންކޮށް މަސައްކަތްތައް ފެށި، ބިން ހިއްކުން 2 ގުނަ ނުވަތަ 3 ގުނައަށް އަވަސްކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މިހާރު ހުޅުވާލާފައިވާ "ހިޔާވަހި" ލުއި ލޯނު ސްކީމްގެ ދަށުން، އަމިއްލައަށް ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީ ދިނުމުގެ މަސައްކަތްވެސް މި އަހަރު ފަށާނެކަމަށެވެ. މީގެއިތުރުން ސަރުކާރުން އަމިއްލަ ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކުރުމަށް، ކުރިއަށް އޮތް ދެމަސްތެރޭ ފައިސާ ދޫކުރައްވާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުވެ، ކުންފުނިތައް އަލުން ހިނގައިގަތުމަށް އެހީއަކަށް ވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.