ހުޅުމާލޭ ފޭސް 2 ގައި މިދިޔަ ޑިސެމްބަރު މަހުގެ ފަހު ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ މަންޒަރު ފެނުނު މީހަކު ނަމަ އެ މަޢުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ދަންވަރު 1:50 އެހައިކަށްހާއިރު ހުޅުމާލޭ ފޭސް 2 ގެ ގުލްއަލާމަގާއި ނިރޮޅު މަގު ގުޅޭ ހިސާބުގައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ގުލްއަލާމަގުން އިރުން ހުޅަނގަށް ދުއްވަމުން ދިޔަ ފުލުހުންގެ އުޅަނދެއްގައި، ނިރޮޅު މަގުން އުތުރުން ދެކުނަށް ބާރު ދުވެލީގައި ދުއްވަމުން އައި ސައިކަލެއް ޖެހުމުންނެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އަދި އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ މި އެކްސިޑެންޓްގެ މަންޒަރު ފެނުނު މީހަކު ނަމަ، ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށްފަވެއެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ހިލާފުވެގެން އެ ގާނޫނުގެ ދަށުން 2024 ޑިސެންބަރު 21 ވަނަ ދުވަހު ލައިސަންސް ހިފަހައްޓާފައިވާ މީހެކެވެ.
މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއްކަމަށާއި، އެފަދަ އެކްސިޑެންޓްތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!