އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް އާސެނަލް ޖެހިލައިފިއެވެ. ރޭ ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.

މެޗު ފަށައިގެން އާސެނަލުން ގޭމް ކޮންޓްރޯލް ކުރިނަމަވެސް ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބްރެންޓްފޯޑުންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ޑޭމްސްގާޑް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ކާމިޔާބު ކޮށްދިނީ އެމްބިއޫމޯއެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖީސަސްއެވެ. ޕާޓޭ ފޮނުވާލި ބާރު ހަމަލާ ބްރެންޓްފޯޑްގެ ކީޕަރު އަތުގައި ޖެހިފައި ނުކުތްވަގުތު ޖީސަސް ވަނީ ބޮލުން އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މިއީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އޭނާ ޖެހި ހަވަނަ ލަނޑެވެ.

ދެވަނަ ހާފުގައި ކުޅުން އިތުރަށް ރަނގަޅުކޮށް އާސެނަލުން ވަނީ އެ ޓީމް ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެ ޓީމުގެ ދެވަނަ ލަނޑު 50 ވަނަ މިނެޓުގައި މެރިނޯ ޖަހައިދިންއިރު އޭގެ ތިން މިނެޓް ފަހުން އާސެނަލަށް ލީޑު ފުޅާކޮށްދިނީ މާޓިނެލީއެވެ.

މި މޮޅާއިއެކު ކުޅުނު 19 މެޗުން 39 ޕޮއިންޓް ހޯދައިގެން އާސެނަލް ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެއްވަނާގައި ލިވަޕޫލް އޮތީ 18 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި އޮތް ނޮޓިންހަމް ފޮރެސްޓައް 19 މެޗުން ލިބިފައި ވަނީ 37 ޕޮއިންޓެވެ.