އެމެރިކާގެ ނެވާޑާ ސްޓޭޓްގެ ލަސްވެގާސް ސިޓީގައި ހުންނަ ޓުރަމްޕް އިންޓަނޭޝަނަލް ހޮޓެލްގެ ކުރިމަތީގައި ޓެސްލާ ސައިބަރޓްރަކެއް ގޮއްވާލުމުގެ ސަބަބުން އެކަކު މަރުވެ، ހަތް މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ހެނދުނު އެެވެ. ފުލުހުން މިހާރު ތަޙުޤީޤު ކުރަމުންދަނީ މިއީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައެވެ. ހާދިސާގެ ވީޑިއޯ ފުޓޭޖުން ދައްކާގޮތުގައި، ސައިބަރޓްރަކް ހޮޓެލްގެ ބޭރަށް އައި ވަގުތު ގޮއްވާލާފައިވެއެވެ.

Ad
rt

މަރުވެފައިވަނީ ޓެސްލާ ދުއްވަން އިން ޑްރައިވަރެވެ. އަނިޔާވެފައިވަނީ އެވަގުތު އެސަރަަހައްދުގައި ތިބި ބައެކެވެ.

ސީއެންއެންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޓްރަކުގެ ތެރޭގައި ހުރީ ބަޑިބޭސް ފަދަ ތަކެއްޗާއި، ގޭސް ޓޭންކުތަކާއި، ކޭމްޕިންގ ފިއުލް ފަދަ ތަކެތި ކަމަށެވެ. މިތަކެތި ގޮއްވާލާފައިވާކަމަށް ބެލެވެނީ ޑްރައިވަރު ކަމަށް ބުނެފައިވެއެވެ.

ޓެސްލާގެ ބާނީ އެލޮން މަސްކް ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މި ހާދިސާއާ ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ. އޭނާ ބުނެފައިވަނީ މި ގޮއްވާލުން ހިނގާފައިވަނީ "ވަރަށް ބައިވަރު އަލިފާންރޯކުރާ ތަކެތި ބޭނުންކޮށްގެން ނުވަތަ ބޮމެއްގެ" ސަބަބުން ކަމަށެވެ. އަދި މިކަމަކީ ވެހިކަލްއާ ގުޅުމެއް ހުރި ކަމެއް ނޫން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ނިއު އޯލިއަންސްގައި އައު އަހަރު ފާހަގަކުރަމުންދިޔަ ބަޔަކަށް ޓްރަކެއް އަރުވާލައި، 10 މީހުން މަރުވެ، 30 އަށްވުރެ ގިނަ މީހުންނަށް އަނިޔާވި ހާދިސާގެ ގަޑިއިރުތަކެއް ފަހުންނެވެ.

އެމެރިކާގެ ސިޓީއެއްގައި ޓްރަކް ހަމަލާއެއްދީ 10 މީހުން މަރާލައިފި

ނަމަވެސް މި ދެ ހާދިސާއަކީ ގުޅުން ހުރި ދެ ހާދިސާކަން އަދި ޔަގީންވެފައެއް ނުވެއެވެ.