އެމެރިކާގެ ދެކުނުގައިވާ ލުއިޒިއާނާ ސްޓޭޓުގައި، މިސިސިޕީ އިންވެގެން އޮންނަ ސިޓީއެއް ކަމަށްވާ ނިއު އޯލިއަންސްގައި އައު އަހަރު ފާހަގަ ކުރަމުންދިޔަ ބައެއްގެ ތެރެއަށް ޓްރަކެއް ވައްދާލައިގެން ހަމަލާދީ 10 މީހުން މަރާލައިފިއެވެ.
ސްކައި ނިއުސްގެ އެމެރިކާގެ ޕާޓްނަރު ނެޓްވޯކް އެން.ބީ.ސީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފަތުރުވެރިން ގިނައިން ޒިޔާރަތްކުރާ ސަރަހައްދެއްގަ އެވެ.
ހަމަލާ ދިން ފަރާތުން ގިނަ ބަޔަކު މަރާލުމަށް ނުވަތަ ޒަހަމް ކޮށްލުމަށް މަސައްކަތްކޮށްފައިވާކަމަށް ބެލެވެއެވެ. މި ހާދިސާގައި 35 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެއެވެ.
އެފް.ބީ.އައި އިން މި ހާދިސާ ބަލަމުންދަނީ ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައެވެ. ހަމަލާ ދިން ފަރާތް ވަނީ ޕޮލިހުންދިން ހަމަލާގައި މަރާލައިފައެވެ. ހާދިސާ ހިނގި ސަރަހައްދުން ގޮވާ ތަކެތި ފެނިފައިވެއެވެ.
މި ހާދިސާއަކީ އެމެރިކާގައި ފަހަކަށް އައިސް ހިނގާފައިވާ އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކުގެ ތެރެއިން އެއް ހަމަލާއެވެ. މީގެ ކުރިން، 2017 ވަނަ އަހަރު ނިއުޔޯކް ސިޓީގައި ވެސް ހިނގާފައިވަނީ މިފަދަ ހާދިސާއެކެވެ. އެ ހާދިސާގައި 8 މީހުން މަރުވެ، 11 މީހުންނަށް އަނިޔާވި އެވެ.
މިފަދަ ހާދިސާތަކުގެ ސަބަބުން އެމެރިކާގެ ބޮޑެތި ހަފްލާތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވާލުންތައް އިތުރުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!