ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މީލާދީ އައު އަހަރުގެ ތަހުނިޔާ، އެކުވެރި ޤައުމުތަކުގެ އިސް ވެރިންނަށާއި، ސަރުކާރުތަކަށް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނެފައިވާ ގޮތުގައި، ރައީސް ދެކަނބަލުންގެ ތަހުނިޔާ މެސެޖުގައި މިފެށޭ އައު އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި ކާމިޔާބު އަހަރަކަށް ވާނޭ ކަމުގެ އުންމީދު ކުރައްވާކަމުގައި ފާހަގަކުރައްވާފައިވެއެވެ.

Ad
rt

މީގެ އިތުރުން، ބައިނަލްއަޤްވާމީ ޖަމްޢިއްޔާޖަމާޢަތްތަކުގެ ވެރިންނަށާއި ރެސިޑެންޓް ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިންނަށްވެސް ތަހުނިޔާ ވިދާޅުވެފައިވާކަން ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.

ރައީސް މިފަދަ މެސެޖެއް ފޮނުއްވުމަކީ، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކޮށް، ދުނިޔޭގެ އެހެން ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި ވާނެއެވެ.

މީލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ވިދާޅުވެ ރައީސް ވަނީ މިއަދު ދިވެހި ރައްޔިތުންނަށް ޚާއްޞަ ޚިޠާބެއް ވެސް ދެއްވާފައެވެ. މި ޚިޠާބުގައި މި ފެށުނު 2025 ވަނަ އަހަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ފަށައި، އިޤުތިޞާދީ ފުދުންތެރިކަން އިއާދަވެ، އާންމު ތިޔާގިކަމެއް މުޅި ޤައުމަށް ލިބެންފަށާނެ އަހަރެއްކަމުގައި ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ އާ އަހަރުގެ ފަރުދީ އަޒުމެއްގެ ގޮތުގައި ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރި، ޞުލްޙަ މަޞްލަހަތު އިސްކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ތަރައްޤީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމާއި، އިޙްތިރާމާއި، ކުލުނުވެރިކަންކަމުގައި ފާހަގަކުރައްވައި އާ އަހަރަކީ ތަރައްޤީގެ އަހަރަކަށް ހެދުމަށްޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާމެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.