އިތިޔޯޕިޔާގައި ޓްރަކެއް ފުރޮޅާލައި ހިނގި ހާދިސާއެއްގައި މަދުވެގެން 71 މީހުން މަރުވެއްޖެއެވެ.
ސިދާމާ ސަރަޙައްދުގެ ސަރުކާރުގެ ތަރުޖަމާނު އަދި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިތިޔޯޕިޔާގައި މީހުން އަރުވައިގެން ދުއްވަމުންދިޔަ ޓްރަކެއް ކޯރަކަށް ވެއްޓި ހިނގި ހާދިސާއެއްގައި މަދުވެގެން 71 މީހުން ވަނީ މަރުވެފައެވެ.
ސިދާމާ ސަރަޙައްދުގެ މުވާސަލާތީ ބިއުރޯއިން އާދީއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ ބޯނާ ޑިސްޓްރިކްޓުގައެވެ.
ސިދާމާ ސަރަޙައްދުގެ ސަރުކާރުގެ ތަރުޖަމާނު ވޯސެންޔެލެހް ސިމިއޮން ރޮއިޓަރސްއަށް ހޯމަ ދުވަހު ވިދާޅުވި ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ 68 ފިރިހެނުންނާއި 3 އަންހެނުންނެވެ. އަދި ފަސް މީހުންގެ ޙާލަތު ނާޒުކުވެފައިވާ ކަމަށާއި، އެ މީހުންނަށް ބޯނާ ޖެނެރަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާދީއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ސަރަޙައްދުގެ މުވާސަލާތީ ބިއުރޯއިން ބުނެފައިވަނީ މި ހާދިސާގައި 60 މީހުން މަރުވެފައިވާ ކަމަށެވެ.
ވޯސެންޔެލެހް ވިދާޅުވި ގޮތުގައި ޓްރަކު ވެއްޓިފައިވަނީ ފާލަމެއް މަތިން ކޯރަކަށެވެ. އަދި އެ މަގަކީ ގިނަ ކަންމައްޗާއި ގޯޅިތައް ހުރި މަގެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކައިވެނި ޙަފުލާއަކުން އެނބުރި އަންނަ މީހުން ހިމެނޭ ކަމަށާއި، ބައެއް ޢާއިލާތަކުން ގިނަ މެންބަރުން ގެއްލިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރަޙައްދުގެ ޓްރެފިކް ފުލުހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޓްރަކުގައި ކެޕޭސިޓީއަށްވުރެ ގިނައިން މީހުން އަރުވާފައިވާ ކަމަށާއި، އެއީ މި ހާދިސާ ހިނގަން ދިމާވި ސަބަބު ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ އިތިޔޯޕިއަން ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އީބީސީ) އިން ވެސް ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގި އިރު ފަސިންޖަރުން ދަތުރުކުރަމުން ދިޔައީ ކައިވެނި ޙަފުލާއަކަށެވެ.
އިތިޔޯޕިޔާގައި މިފަދަ މަރުވުން ހިމެނޭ މަގުމަތީ ހާދިސާތައް އާންމުކޮށް ހިނގައެވެ. މިއީ އެ ޤައުމުގައި ދުއްވުމުގެ މިންގަނޑުތައް ދަށްވުމާއި، ގިނަ އުޅަނދުތައް ރަނގަޅަށް މަރާމާތުކޮށް ބަލަހައްޓާފައި ނުހުންނާތީ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!