އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ ގެ ޖަނާޒާ ޖެނުއަރީ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ރަސްމީ ޢިއްޒަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކާޓާގެ ޖަނާޒާ ޖެނުއަރީ 9 ވަނަ ދުވަހު ވޮޝިންޓަން ނޭޝަނަލް ކެތީޑްރަލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ އާމީން ވަނީ ހާމަކޮށްފައެވެ.
އުމުރުފުޅުން 100 އަހަރުގައި މިދިޔަ އާދިއްތަ ދުވަހު އަވަހާރަވި ކުރީގެ ރައީސް ކާޓާގެ ހަނދާނުގައި ޖެނުއަރީ 9 ވަނަ ދުވަހަކީ މުޅި އެމެރިކާގައި ޤައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އަންގަވާފައެވެ.
ކުރީގެ ރައީސް ކާޓާގެ ޖަނާޒާގެ ރަސްމިއްޔާތުތައް ހޮނިހިރު ދުވަހު ފެށޭއިރު، އެންމެ ފުރަތަމަ އޭނާގެ ހަށިކޮޅު އޭނާގެ އުފަން ރަށް ކަމުގައިވާ ޕްލެއިންސް، ޖޯޖިއާއަށް ގެންދެވޭނެއެވެ. އެ ދަތުރުގައި އޭނާ ބޮޑުވި ދަނޑުބިމަށް ހުއްޓުމަކަށްފަހު، އެމެރިކާގެ ނޭޝަނަލް ޕާކް ސަރވިސްއިން އެ ބިމުގައި ހުރި ރަނގަބީލު 39 ފަހަރު ޖަހާނެއެވެ. އެއީ ކާޓަރަކީ އެމެރިކާގެ 39 ވަނަ ރައީސް ކަމަށް ވާތީއެވެ.
އޭގެ ފަހުން އޭނާގެ ހަށިކޮޅު އެޓްލާންޓާއަށް ގެންދެވޭނެއެވެ. އަދި ޖެނުއަރީ 7 ވަނަ ދުވަހުގެ ހެނދުނާ ހަމައަށް ކާޓަރު ޕްރެޒިޑެންޝަލް ސެންޓަރުގައި ބެހެއްޓޭނެއެވެ. އޭގެ ފަހުން އޭނާގެ ހަށިކޮޅު ވޮޝިންގޓަން ޑީ.ސީ. އަށް ގެންދެވި، ޔޫ.އެސް. ކެޕިޓޯލްގެ ރޮޓަންޑާގައި ބެހެއްޓޭނެއެވެ.
ވޮޝިންގޓަން ނޭޝަނަލް ކެތީޑްރަލްގައި ބޭއްވޭ ޤައުމީ ޖަނާޒާއަށްފަހު، އެ ދުވަހުގެ ފަހުން ޕްލެއިންސްގައި އާއިލާގެ މެންބަރުންނާއެކު އަމިއްލަ ޖަނާޒާއެއް ބޭއްވުމަށްފަހު، އޭނާގެ ހަށިކޮޅު ވަޅުލެވޭނެއެވެ.
އޭނާ ވަޅުލެވޭނީ އޭނާގެ އަނބިކަނބަލުން ރޮޒަލިން ކާޓާގެ ކައިރީގައި، އެ ދެ ބޭފުޅުން ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުއްވި ގެ ހުރި ބިމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!